ރަމަޟާން މަހަށް މިހާރުގެ ފިޔަވަޅުތަކަށް ލުއިދޭން ވިސްނަން: މައިމޫނާ

ރަމަޟާން މަހަށް މިހާރުގެ ފިޔަވަޅުތަކަށް ލުއިދޭން ވިސްނަން: މައިމޫނާ

Author
މުޙައްމަދު ޖިމީ
22 މާރޗް 2021 08:43
0

ރާއްޖޭގައި ކޯވިޑް-19އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އަންނަ ރަމަޟާން މަހަށް ލުއިތަކެއް ދިނުމުގެ ވިސްނުން ހުރިކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކެފޭ ރެސްޓޯރަންޓްތަކާއި އެނޫންވެސް ވިޔަފާރިތަކަށް ގެއްލުން ވަމުން އަންނަނީ އެޗްޕީއޭގެ އިހުމާލުންކަމަށް ބުނެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް މިއަދު އެޗްޕީއޭގެ ވެރިން ވަނީ ޙާޒިރުކޮށްފައެވެ. ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މައިމޫނާ ވިދާޅުވީ، ކޯވިޑް ކޮންޓްރޯލްކޮށް، ބަލި ފެތުރުން އިތުރުވިޔަނުދީ، ބަލީގެ ނުރައްކާބޮޑު ފަރާތްތައް ސަލާމަތްކުރުމަށްޓާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި އާއްމު ޞިއްޙަތުގެ ޤާނޫނުގެ 12ވަނަ މާއްދާގެ ދަށުން ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އެޅުމުށް ފުރުޞަތު ލިބުމަކީ ބަލިން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ކުރިއަށްދާން ލިބުނު ބޮޑު ބާރެއްކަމަށެވެ.

ބަލީގެ މިހާރުގެ ޙާލަތަށް ބަލާ، ކުރިއަށްއޮތް ރަމަޟާން މަހަށް އިތުރު ލުއިތަކެއްދޭން ގަސްތުކުރައްވާކަމަށް މައިމޫނާ ވިދާޅުވިއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގެނެވޭނެ ބަދަލުތައް ބަލާ، އުޞޫލުތައް ކަނޑައަޅުއްވާނެކަމަށެވެ. އަދި ވެކްސިން ކަވަރޭޖް ވަރުގަދަކުރެވުން ވެގެންދާނީ އެކަމަށް ލިބޭ ބާރަކަށްކަމަށްވެސް މައިމޫނާ ވިދާޅުވިއެވެ.

ކޯވިޑާއެކު ތަފާތު ތަޖުރިބާތައް ކުރެވުނުކަން ފާހަގަކުރައްވާ، މިކަމުގެ ސަބަބުން އިޤްތިޞާދީގޮތުން ހުރިހާ ދިމާލަކުން ހުރިހާ ފަރާތްތަކަށްވެސް ދަތިތައްކުރިމަތިވިކަމަށް މައިމޫނާ ވިދާޅުވިއެވެ.

މައިމޫނާ ވަނީ ކެފޭ ރެސްޓޯރެންޓްތަކަށް ލިބޭ ގެއްލުންތަކާގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެތަންތަނާމެދު ޚާއްސަ އުޞޫލުތަކެއް ކަނޑައަޅާފައިވަނީ އެއީ ބަލި ފެތުރުމުގެ ފުރުޞަތު އެންމެ ބޮޑުތަންތަން ކަމަށްވާތީކަމަށާއި އެތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް ކުޑަކުރަނީ ބަލި ފެތުރުމުގެ ފުރުޞަތު ވީހާވެސް ކުޑަކުރުމަށް ކަމަށްވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވިއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަނީ އެއްވެސް ބަޔަކަށް ދައްޗެއް ދިނުމުގެ ބޭނުމުގައިނޫންކަމަށް ފާހަގަކުރައްވަމުން މައިމޫނާ ވިދާޅުވީ، އެއީ ބަލިން ރައްކާތެރިކޮށް ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ އެއިރެއްގެ ޙާލަތަށް ބަލާ، ބަލިން ރައްކާތެރިވުމަަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމުގައި ކުރާކަމެއް ކަމަށެވެ.

ކެފޭ ރެސްޓޯރަންޓްތައް ރޭގަނޑު ބަންދުކޮށްފައި ހުންނަންޖެހުމުން އެވިޔަފާރިތަކަށް ގެއްލުން ވަމުން އަންނަކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ބައެއް މެންބަރުން ވަނީ އެޗްޕީއޭއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.