ހއ. އިން ފެންނަމުންދަނީ، މަލިކު ކައިރިން ކަނޑަށް އުކާލި 260 ކިލޯގެ މަސްތުވާތަކެތި

ހއ. އިން ފެންނަމުންދަނީ، މަލިކު ކައިރިން ކަނޑަށް އުކާލި 260 ކިލޯގެ މަސްތުވާތަކެތި

Author
މުޙައްމަދު ޖިމީ
22 މާރޗް 2021 02:22
0

އިއްޔެ ހއ.އަތޮޅުގެ ބައެއް ރަށްރަކުން ފެންނަންފެށި މަސްތުވާތަކެއްޗަކީ، މިދިޔަ ހަފްތާގެ ހޯމަދުވަހު އިންޑިއާގެ ކޯސްޓްގާޑުން އަތިލާގަތް ސްރީލަންކާގެ ބޯޓަކުން ކަނޑަށް އުކާލި މަސްތުވާތަކެތިކަމަށް ބެލެވެންފަށައިފިއެވެ.

އެގޮތަށް ބެލެވެން ފެށީ އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ މަޢޫލޫމާތުތަކުންނެވެ. އެގޮތުން ސްރީލަންކާގެ ބޯޓްތަކަށް އިންޑިއާގެ ކޯސްޓްގާޑުން ފާރަލާން ފަށާފައި ވަނީ މިމަހުގެ ކުރީ ކޮޅުކަމަށާއި، އިންޑިއާގެ ކަނޑުގެ އަދި ވައިގެ ސިފައިންގެ ސަވައިލަންސް އޮޕަރޭޝަންނަށް އެ އޫލަނދުތަކާމެދު ޝައްކު އުފެދިގެންކަމަށެވެ.

ލަންކާގެ ތިން ބޯޓް ކަނޑުމަތީގައި އުޅޭތާ 15 ވަރަކަށް ދުވަސްވެފައިވާކަމަށާއި، އެ ބޯޓްތަކުގެ އާދަޔާ ޚިލާފް ހަރަކާތްތަކުގެ ސަބަބުން ޝައްކު އިތުރުވެ އެ ބޯޓްތަކަށް ފާރަލަމުން ދަނިކޮށް އިންޑިއާގެ ކޯސްޓްގާޑު ހަރަކާތްތެރިވާކަން އެނގި ލަންކާގެ ބޯޓްތައް ވަނީ ފިލަން މަސައްކަތްކޮށްފައެވެ. ނަމަވެސް ނުފިލޭނެކަން އެނގުނު ހިސާބުން އެބޯޓްތަކުން ވަނީ 260 ކިލޯގެ ފަސް ގޯނި ކަނޑަށް އެއްލާލާފައިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެ ބޯޓްތައް އިންޑިއާގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ މަލިކު ކައިރިންނެވެ.

މަސްތުވާތަކެތިތައް ކަނޑަށް އުލާކީވެސް އެ ސަރަޙައްދުންނެވެ. ނަމަވެސް މޫސުމާއި އޮއިވަރުު ހުރިގޮތުން ލަންކާގެ ބޯޓްތައް ގެންދިޔައީ މަލިކަކަށް ނޫންނެވެ. އެ ބޯޓްތައް ގެންގޮސްފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމް ކައިރީގައި އޮންނަ ބަނދަރުމަތީ ސަރަހައްދެއް ކަމަށްވާ ވިޒިންޖަމްއަށެވެ. މި ހާދިސާގައި މަސްތުވާތަކެތި ފެނުނު ބޯޓާއި އޭގައި ތިބި ހަ ފަޅުވެރިން ފިޔަވާ ދެން އޮތް ދެބޯޓާއޮި ފަޅުވެރިން ވަނީ މިހާރު ސްރީލަންކާ ސަރުކާރާއި ހަވާލުކޮށްފައެވެ.

އިއްޔެ ރާއްޖޭގެ އެންމެ އުތުރުން ހއ.ގެ ބައެއް ރަށްތަކުްނ ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައެވެ. އޭގެ ތެރޭގައި އެއަތޮޅު ފިއްލަދޫއާއި، ވަށަފަރު ހިމެނެއެވެ. އެންމެ ގިނަ މަސްތުވާތަކެތި ފެނިފައިވަނީ ފިއްލަދޫއިންނެވެ. އެރަށުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 50 ކިލޯހުއްޓެވެ.

ހއ.ގެ ރަށްތަކުން މަސްތުވާތަކެތި ފެނުމާއި ގުޅިގެން އެތަކެތީގެ ހަޤީގަތް އޮޅުންފިލުވުމަށް ފުލުހުންނާއި ސިފައިން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ފުލުހުން އަންނަނީ ޚާއްޞަ އޮޕަރޭޝަނެއްވެސް ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.