މުޅި އައްޑޫސިޓިގެ އަމަން ބެލެހެއްޓުމަށް އެންމެ 20 ފުލުުހުން ބައިތިއްބާފައި ތިބުމަކީ ހޯމް މިނިސްޓަރުގެ ޒިންމާދާރުކަން ކުޑަކަމެއްކަމަށާއި، އެކަން ބަލައި ނުގަނެވޭނެކަމަށް އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓުންނާއި ބައްދަލުކުރުމަށް ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތުގައި އައްޑޫސިޓީގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށާއި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ހުށައަޅުއްވަމުން އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު އައްޑޫ މޭޔަރުކަމަށް ވާދަކުރައްވާ ނިޒާރު ވިދާޅުވީ، މުޅި އައްޑޫގެ ރައްކާތެރިކަން ބެލެހެއްޓުމަށް ތިއްބެވީ އެންމެ 20 ފުލުހުންކަމަށެވެ.
ނިޒާރު ވިދާޅުވީ، އެންމެ 20 ފުލުހުން ތިބެގެން އައްޑޫގެ ކަންކަން ބެލެހެއްޓުމަކީ ވާނެކަމެއް ނޫންކަމަށާއި، އެއީ ހޯމް މިނިސްޓަރުގެ ޒިންމާދާރުކަން ކުޑަކަމެއްކަމަށެވެ. ނިޒާރު ވިދާޅުވީ، އެވާހަކަ ދައްކަން މިޖެހުނީ އަމިއްލަފުޅު ސަރުކާރުގައިކަމަށާއި، އެވާހަކަ ދެއްކެންވެސް ނެތްކަަމަށެވެ. އޭނާ ވިދާޅުވީ ރޭގަނޑު ރައްޔިތުންނަށް ރައްކާތެރިކަމައެކު ނިދަން ތިބެވޭނެކަމުގެ ބިރު ހީވެފައިވާކަަމަށެވެ. އެގޮތުން ވައްކަން އިންތިހާއަށް އިތުރުވެފައިވާކަމަށް ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ، ހަމައެކަނި އައިޖީއެމްއެޗަށް ބަލާލިޔަސް 100 ވުރެ ގިނަ ފުލުހުން އެތަން ބަލަހައްޓަން ތިބޭނެކަމަށެވެ.
އައްޑޫގައި ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުންވެސް ވަނީ އައްޑޫގައި ވައްކަމުގެ މައްސަލަ ބޮޑުވެ، ފުލުހުންގެ ޚިދުމަތް އެންމެ އެދެވޭގޮތުގައި ކުރިއަށް ނުދާކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ޝަކުވާ ރައީސްއަށް ހުށައަޅުއްވާފައެވެ.
ކޮމެންޓު ފޮނުވާ