މާލެ ސަރަހްދުގައި ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން މާދަމާ ފަށަނީ

މާލެ ސަރަހްދުގައި ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން މާދަމާ ފަށަނީ

Author
މުޙައްމަދު ޖިމީ
21 މާރޗް 2021 08:40
0

މާލެ ސަރަހައްދުގައި ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމ ޑޯޒް އަނެއްކާވެސް ދިނުމަށް މާދަމާ ފަށާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ޢުމުރުން18 އަހަރުން މަތީގެ މީހުންނަށް ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މާދަމާ ފަށާނެކަމަށާއި، ހަ ތަނެއްގައި ވެކްސިން ދިނުން ކުރިއަށް ދާނެކަމަށެވެ. އެގޮތުން ވެކްސިން ދިނުން ކުރިއަށްދާނީ މާދަމާ ހެނދުނު10 އިން ހަވީރު16:00 ހަމައަށްކަމަށް އެޗްޕީއޭއިން ބުންޏެވެ. ވެކްސިން ޖަހައިދޭ މަރުކަޒުތަކުގެ ތެރޭގައި ސޯޝަލް ސެންޓަރާއި، އިސްލާމީ މަރުކަޒާއި، ހުޅުމާލެ ވެކްސިން ސެންޓަރާއި، ވިލިމާލެ ޒުވާނުންގެ މަރުކަޒާއި، ރައްޔިތުންގެ މަޖިލިސްގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލް ހިމެނެއެވެ. މާދަމާ ޖަހާނީ ސިނޯފާމްގެ ވެކްސިން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ދެމުން އައީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. ނަމަވެސް އެ ދެލައްކަ ވެކްސިން ދީ ނިމުމުން ޗައިނާއިން ހަދިޔާކުރި ވެކްސިން ދިނުން މާދަމާ ކުރިއަށް ދާނެއެވެ.

ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ޗައިނާގެ ސިނޮފާމް ވެކްސިނާއި ފައިޒާ ވެކްސިން ރާއްޖޭގައި ދިނުމުގެ ހުއްދަ ދީފައެވެ. އެ ހުއްދަ ދީފައިވަނީ މިމަހުގެ15 ވަނަ ދުވަހުއެވެ.

އެޗްއީއޯސީއިން ވިދާޅުވީ ސިނޮފާރމްއަށް ހުއްދަ ދިނުމުގައި ލަސްތަކެއް ވެގެންދިޔައީ ހުއްދަ ދިނުމަށް ބަލަންޖެހޭ ބައެއް މަޢުލޫމާތު ލިބުމުގައި ލަސްތަކެއް ވުމުންކަމަށެވެ. އެހެންނަމަވެސް މިހާރު ވެކްސިންއާއި ގުޅޭ ހުރިހާ މަޢުލޫމާތެއް ލިބި ވެކްސިން ބޭނުންކުރުމަށް ވަނީ ހުއްދަ ދެއްވާފައެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ މިހާރު ލިބެމުން އަންނަ ވެކްސިންތައް ބޭނުންކުރުމަށް ރަނގަޅު ޕްލޭންތަކެއް ހެދިފައިވާކަމަށެވެ. އަދި ރާއްޖެއިން މަސައްކަތްކުރަނީ ވެކްސިން ދެވެން ތިބި ހުރިހާ މީހުންނަށްވާ މިންވަރަށް ވެކްސިން ހޯދާ ވެކްސިން ދިނުންކަމަށެވެ.

ރާއްޖޭގައި ފައިޒާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ މިހާރު ދީފައިވާއިރު މިވެކްސިންވަނީ ރާއްޖެއަށް ލިބުމުގެ މަގުމަތީގައި ކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ. އަދި ފައިޒާ ވެކްސިން ބަހައްޓަންޖެހެނީ ވަކި ޚާއްސަ ފިނިހޫނުމިނެއްގައި ކަމަށްވާތީ ރާއްޖޭގައި ވެކްސިން ރައްކާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.