އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުން ތ.ވިލުފުށި، އަތަމާގެ، އަލްފާޟިލް ޙުސައިން ފިޔާޒް މޫސާ މިއަދު އިސްތިޢުފާ ދެއްވައިފިއެވެ.
ޙުސައިން ފިޔާޒް މޫސާ އެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވަނީ 31 އޮކްޓޫބަރު 2019 ގައެވެ. ފިޔާޒް މަޤާމުން އިސްތިއުފާދެއްވީ ނޫހެއް ހިންގެވުމަށްކަމަށް މަޢުލޫމާތު ލިބެއެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) އިން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ޚާދިމެކެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 29 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު:1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.
އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަޤާމުގައި ހުންވައިގެން ފިޔާޒް މިހާތަނަށް ވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނުނުގެ ދަށުން މުހިން ނިންމުންތައް ނިންމަވާ އެ ދާއިރާއަށް ބަދަލުތަކެއް ގެނެސްދެއްވާފައެވެ. ފިޔާޒަކީ މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން ޑިގްރީއެއް ހާސިލް ކުރައްވައި ނޫސްވެރި ކަމުގައި 19 އަހަރު ހޭދަ ކުރައްވާފައިވާ ބޭފުޅެކެވެ.
ފިޔާޒް ގެ ނޫސްވެރިކަމުގެ ހަޔާތުގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރެއްވީ ހަވީރު ނޫހުގައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހުންނެވީ ރާއްޖެޓީވީގެ ސީއީއޯގެ މަގާމުގައެވެ.
ކޮމެންޓު ފޮނުވާ