މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު މަޖިލީހުން ފާސްކުރެވުނުއިރުގައި މެމްބަރުންގެ ވިސްނުން ހުރީ ކޮމިޝަނަރުގެ ނިންމުމަކީ ފަހުގެ ނިންމުން ނޫންކަން ސާފުވާކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒް މިހެން ވިދާޅުވީ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލުމުގެ އިހުތިޞާސް ހައި ކޯޓުގައި ނެތް ކަމަށް ހައިކޯޓުން ކަނޑައެޅުމާއި ގުޅިގެންނެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބަޔާންކުރާގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް ނިންމާތާ 30 ދުވަހުގެ ތެރޭގައި ހައި ކޯޓުގައި އިސްތިއުނާފުކުރެވޭނެއެވެ. ނަމަވެސް ހައި ކޯޓުގެ މި ޙުކުމާއެކު އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތަކުގައި އެންމެ ފަހު ބަސް ބުނާނީ ކޮމިޝަނަރު ކަމަށް ކަނޑައެޅުނީއެވެ.
ނަމަވެސް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ64 ވަނަ މާއްދާގައި ބަޔާންކުރަނީ، އެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމަކާ ގުޅޭގޮތުން ހިތްހަމަނުޖެހޭ ފަރާތަކުން، އެ މައްސަލައެއް ނިންމި ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ނުވަތަ އެ ނިންމުން ނިންމަންޖެހޭ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލަ ހައިކޯޓަށް އިލްތިމާސް ކުރުމުގެ ފުރުޞަތު ލިބިދޭކަމަށެވެ. އަދި އެފަދަ މައްސަލައެއްގައި، ޤާނޫނާ އެއްގޮތަށް ޢަމަލުކުރިކަން ސާބިތުކޮށްދޭންވާނީ އިންފޮމޭޝަން ކޮމިޝަނަރާ ދެކޮޅަށް މައްސަލަ ހުށަހަޅާ ފަރާތްކަމަށްވެސް ޤާނޫނުގައި ބަޔާންކުރެއެވެ.
އެކަމަށް އިޝާރާތްކުރައްވާ މުހުތާޒް ވިދާޅުވީ، އެގާނޫނުގެ 64 ވަނަމާއްދާއިން ސާފުވާ ހަގީގަތަކީ މަޖިލީހުން ގާނޫނު ފާސްކުރެވުނުއިރުގައި މެމްބަރުންގެ ވިސްނުން ހުރީ ކޮމިޝަނަރުގެ ނިންމުމަކީ ފަހުގެ ނިންމުން ނޫންކަމަށެވެ. އެކަމުގެ އަވަސް ހައްލެއް ރައްޔިތުންގެ މަޖިލީހުން ގެންނަންޖެހޭކަމަށްވެސް މުހުތާޒް ވިދާޅުވިއެވެ.
ގާނޫނުގެ 64 ވަނަމާއްދާއިން ސާފުވާ ހަގީގަތަކީ މަޖިލީހުން ގާނޫނު ފާސްކުރެވުނުއިރުގައި މެމްބަރުންގެ ވިސްނުން ހުރީ ކޮމިޝަނަރުގެ ނިންމުމަކީ ފަހުގެ ނިންމުން ނޫންކަމެވެ. މިކަމުގެ އަވަސް ހައްލެއް @mvpeoplesmajlis އިން ގެންނަންޖެހޭ. ސުވާލަކީ IC އަދި PG އަކީ މުއައްސަސާއެއްތޯ ނުވަތަ ނޫންތޯ؟ https://t.co/5JLHOT3e87
— Muhuthaz Muhusin (@Muhuthaz) March 21, 2021
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލުމުގެ އިހުތިޞާސް ހައި ކޯޓުގައި ނެތް ކަމަށްހައިކޯޓުންކަނޑައަޅާފައިވަނީ އެމްޑަބްލިއުއެސްސީން ހުށައެޅި މައްސަލައަކާއި ގުޅިގެންނެވެ. އެ ކުންފުނިން މައްސަލައެއް އިސްތިއުނާފުކުރީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ހަވާލާދީފައިވާ އޮޑިޓް ރިޕޯޓު ހޯދަން އެދި ފެބްރުއަރީ 12، 2020 ގައި އެމްޑަބްލިއުއެސްސީއަށް ހުށަހެޅުމުން ޖަވާބެއް ދީފައިނުވާތީ އެކަން ބަލައިދޭން އެ މުވައްޒަފު އިންފޮމޭޝަން ކޮމިޝަނަރަށް އިލްތިމާސްކުރުމުންނެވެ.
އެ މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރު ނިންމީ އެ މުވައްޒަފު އެދުނު މައުލޫމާތު ދޫކުރުމަށެވެ. ނަމަވެސް އެ ނިންމުމާ މެދު ހިތްހަމަނުޖެހި އެމްޑަބްލިއުއެސްސީން އޮގަސްޓް 24، 2020 ގައި ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރިއެވެ.
މި މައްސަލާގައި ހައި ކޯޓުގެ ހުކުރުމުގައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ހައި ކޯޓަށް ލިބިދޭ އިހުތިސާސްއެއް ނުވަތަ އިސްތިއުނާފުން މައްސަލަ ބެލުމުގެ ބާރެއް ބަޔާންކޮށްފައި ނެތް ކަމަށް ބުނެފައެވެ. އެ ގާނޫނުގެ 64 ވަނަ މާއްދާއިން ލިބިދީފައިވާ އިލްތިމާސްކުރުމުގެ ފުރުސަތަކީ އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް ލިބިދީފައިވާ ފުރުސަތެއް ކަމަށް ވެސް ހުކުމުގައިވެއެވެ. ކޯޓުތަކުގެ ގާނޫނުން ހައި ކޯޓަށް ލިބިދީފައިވާ އިސްތިއުނާފީ އިހްތިސާސްއަށް ބަލާއިރު، އެ އިހްތިސާސް ލިބިދީފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކަށެވެ. ނަމަވެސް އެމްޑަބްލިޔުއެސްސީން ހުށައެޅީ ދަށު ކޯޓަކުން ނުވަތަ ޓްރައިބިއުނަލުން ނިންމި ނިންމުމެއް ނޫން ކަމަށް ހައިކޯޓްގެ ޙުކުމުގައިވެއެވެ.
ހައިކޯޓްގެ ޙުކުމުގައި ވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ ދަށުން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ހައި ކޯޓަށް އިލްތިމާސްކޮށްފައިވާ މައްސަލައަކީ އެ މައްސަލަ އިސްތިއުނާފުން ބެލުމުގެ އިހުތިސާސް ގާނޫނުން ހައި ކޯޓަށް ލިބިދީފައި ނެތް މައްސަލައެއް ކަމަށް ވާތީ އެ މައްސަލައަކީ ހައި ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ހައިކޯޓްގެ ހުކުމުގައި ވެއެވެ.
ކޮމެންޓު ފޮނުވާ