މިމަހު އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކަށް އިއްޔެ!

މިމަހު އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކަށް އިއްޔެ!

މިމަހު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ދުވަހަކީ އިއްޔެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން އިއްޔެ 4،509 ފަތުރުވެރިންނަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައެވެ. މި އަދަދާއި އެކު މިއަހަރު މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު 255،903 އަށް ވަނީ އަރާފައެވެ.

އެއީ ޖަނަވަރީ މަހު ރާއްޖެ އައި 92،103 ފަތުރުވެރިންނާއި މިދި މަހު އައި 96،882 ފަތުރުވެރިންނާއި މިމަހުގެ މިހާތަނަށް އައި 66،918 ފަތުރުވެރިން ހިމަނައިގެންނެވެ. އެހެންކަމުން އެވްރެޖް ގޮތެއްގައި މިއަހަރު ދުވާލަކު 3239 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

އެއަރ ސީޝެލްސް އިން ރާއްޖެ އައި ބައެއް ފަތުރުވެރިން – ފޮޓޯ: ވީއައިއޭ

ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ހުޅުވާލިފަހުން މިވީ މުއްދަތުގެ ތެރޭގައި އެންމެ ގިނައަދަދަކަށް ފަތުރުވެރިން އަންނަ އިންޑިއާ އާއި ރަޝިއާ އިން މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވެސް ބައި ލައްކައިން މައްޗަށް ގޮސްފައި ވާއިރު، މި ދެ ގައުމަކީ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވާ 2 ގައުމެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލަތު ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނަ އިރު ރާއްޖޭގައި މިހާތަނަށް އޮޕަރޭޝަނަށް ނެރެވުނު ޓޫރިސްޓް އެނދުގެ އަދަދުވެސް ވަނީ  86 އިންސައްތައަށް އަރާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން ކޯވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައިސް، އަލުން ފަށައިގަތް ފަހުން މިހާތަނަށް 45،527 ޓޫރިސްޓް އެނދު ހިދުމަތަށް ވަނީ ނެރެފައެވެ.

ފަތުރުވެރިންގެ އާއިލާއެއް ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ – ފޮޓޯ: ވައްކަރު މޯލްޑިވްސް

މިއަދަދަށް އެނދު އޮޕަރޭޝަނަށް ނެރެވިފައި ވަނީ 682 ޓޫރިސްޓް ފެސިލިޓީ އިންނެވެ. އެއީ 149 ރިސޯޓާއި 385 ގެސްޓް ހައުސް އާއި 137 ސަފާރީގެ އިތުރުން 11 ޓޫރިސްޓް ހޮޓަލުންނެވެ. ތަފާސް ހިސާބުތަށް ދައްކާގޮތުން ރާއްޖޭގައި ތަރައްޤީކޮށްފައިވާ ރިސޯޓްތަކުގެ ތެރެއިން މިހާތަނަށް އޮޕަރޭޝަނަށް ނުގެނެވި ވަނީ އެންމެ 10 ރިސޯޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *