އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލުމުގެ އިހުތިޞާސް ހައި ކޯޓުގައި ނެތް ކަމަށްހައިކޯޓުންކަނޑައަޅާއިފިއެވެ.
ހައިކޯޓުން މިގޮތަށް ކަނޑައެޅީ އެމްޑަބްލިއުއެސްސީން ހުށައެޅި މައްސަލައަކާއި ގުޅިގެންނެވެ. އެ ކުންފުނިން މައްސަލައެއް އިސްތިއުނާފުކުރީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ހަވާލާދީފައިވާ އޮޑިޓް ރިޕޯޓު ހޯދަން އެދި ފެބްރުއަރީ 12، 2020 ގައި އެމްޑަބްލިއުއެސްސީއަށް ހުށަހެޅުމުން ޖަވާބެއް ދީފައިނުވާތީ އެކަން ބަލައިދޭން އެ މުވައްޒަފު އިންފޮމޭޝަން ކޮމިޝަނަރަށް އިލްތިމާސްކުރުމުންނެވެ.
އެ މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރު ނިންމީ އެ މުވައްޒަފު އެދުނު މައުލޫމާތު ދޫކުރުމަށެވެ. ނަމަވެސް އެ ނިންމުމާ މެދު ހިތްހަމަނުޖެހި އެމްޑަބްލިއުއެސްސީން އޮގަސްޓް 24، 2020 ގައި ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރިއެވެ.
މި މައްސަލާގައި ހައި ކޯޓުގެ ހުކުރުމުގައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ހައި ކޯޓަށް ލިބިދޭ އިހުތިސާސްއެއް ނުވަތަ އިސްތިއުނާފުން މައްސަލަ ބެލުމުގެ ބާރެއް ބަޔާންކޮށްފައި ނެތް ކަމަށް ބުނެފައެވެ. އެ ގާނޫނުގެ 64 ވަނަ މާއްދާއިން ލިބިދީފައިވާ އިލްތިމާސްކުރުމުގެ ފުރުސަތަކީ އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް ލިބިދީފައިވާ ފުރުސަތެއް ކަމަށް ވެސް ހުކުމުގައިވެއެވެ. ކޯޓުތަކުގެ ގާނޫނުން ހައި ކޯޓަށް ލިބިދީފައިވާ އިސްތިއުނާފީ އިހްތިސާސްއަށް ބަލާއިރު، އެ އިހްތިސާސް ލިބިދީފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކަށެވެ. ނަމަވެސް އެމްޑަބްލިޔުއެސްސީން ހުށައެޅީ ދަށު ކޯޓަކުން ނުވަތަ ޓްރައިބިއުނަލުން ނިންމި ނިންމުމެއް ނޫން ކަމަށް ހައިކޯޓްގެ ޙުކުމުގައިވެއެވެ.
ހައިކޯޓްގެ ޙުކުމުގައި ވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ ދަށުން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ހައި ކޯޓަށް އިލްތިމާސްކޮށްފައިވާ މައްސަލައަކީ އެ މައްސަލަ އިސްތިއުނާފުން ބެލުމުގެ އިހުތިސާސް ގާނޫނުން ހައި ކޯޓަށް ލިބިދީފައި ނެތް މައްސަލައެއް ކަމަށް ވާތީ އެ މައްސަލައަކީ ހައި ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ހައި ކޯޓުގެ މި ގަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައި ހުކުމްކުރާކަމަށެވެ. މި މައްސަލަ ބެއްލެވީ ބެންޗުގެ ރިޔާސަތު ބެލެހެއްޓޭވީ ހައިކޯޓްގެ ފަނޑިޔާރު އަހުމަދު ނިޔާޒު އެވެ. ދެން ތިއްބެވީ ފަނޑިޔާރު މުޙައްމަދު ފައިޞަލް އާއި، ފަނޑިޔާރު ޙުސައިން ޝަހީދުއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބަޔާންކުރާގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް ނިންމާތާ 30 ދުވަހުގެ ތެރޭގައި ހައި ކޯޓުގައި އިސްތިއުނާފުކުރެވޭނެއެވެ. ނަމަވެސް ހައި ކޯޓުގެ މި ޙުކުމާއެކު އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތަކުގައި އެންމެ ފަހު ބަސް ބުނާނީ ކޮމިޝަނަރު ކަމަށް ކަނޑައެޅުނީއެވެ.
ކޮމެންޓު ފޮނުވާ