ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލާމީހުން ތިބޭ ރަށްރަށް ބަދަލުކުރުމަށް އިސްކަންދޭންޖެހޭ: ބޮންޑެ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލާމީހުން ތިބޭ ރަށްރަށް ބަދަލުކުރުމަށް އިސްކަންދޭންޖެހޭ: ބޮންޑެ

Author
މުޙައްމަދު ޖިމީ
21 މާރޗް 2021 10:56
0

ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުދިން، އެކުއްޖެއްގެ އާއިލާ ނިސްބަތްވާ ރަށެއްގައި އެކުއްޖަކު ބޮޑުވާން ފުރުސަތު ދޭންޖެހޭކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ މިހެން ވިދާޅުވީ، މާލޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ އަމާން ހިޔާއަށް ބަދަލުކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމަށް އިޝާރާތްކުރައްވައެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 17 ކުއްޖަކު މާލެ އިން ބ. އޭދަފުއްޓަށް ބަދަލުކުރުމުން ބ.އޭދަފުށީގައި ވަނީ ބައެއް ނުތަނަވަސް ކަންކަން ހިނގާފައެވެ. އެގޮތުން އެކުދިން އެރަށުން ބޭރުކުރުމަށްވެސް ބައެއް މީހުން ގޮވާލާފައިވެއެވެ. މީގެ އިތުރުން ހއ.ދިއްދޫގައި ހުންނަ އަމާންވެށްޓަށް 15 ކުއްޖަކު، ށ.ފުނަދޫއަށް 16 ކުއްޖަކު އަދި ފުވައްމުލަކަށް 16 ކުއްޖަކު ވަނީ ބަދަލުކޮށްފައެވެ.

މެންބަރު ބޮންޑެ ވިދާޅުވީ، އެކި ރަށްރަށަށް ނިސްބަތްވާ ކުދިން އާއިލާތަކާއި ވަކިކޮށް މަރުކަޒުތަކުގައި ތިބެ ބޮޑެތިކުރުމަށްވުރެ، އެކުއްޖެއްގެ އާއިލާ ނިސްބަތްވާ ރަށެއްގައި އެކުއްޖަކު ބޮޑުވާން ފުރުސަތު ދޭންޖެހޭކަމަށެވެ.

އެކި ރަށްރަށަށް ނިސްބަތްވާ ކުދިން އާއިލާތަކާއި ވަކިކޮށް މަރުކަޒުތަކުގައި ތިބެ ބޮޑެތިކުރުމަށްވުރެ އެކުއްޖެއްގެ އާއިލާ ނިސްބަތްވާ ރަށެއްގައި އެކުއްޖަކު ބޮޑުވާން ފުރުސަތު ދޭންޖެހޭ ! ކޮންމެރަށަކީ މަރުކަޒެކެވެ ! ލާމަރުކަޒު !

– މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)

ރާއްޖޭގެ އެކި ސަރަހައްދުގައި ޤާއިމްކުރާ އަމާން ވެށިތަކަކީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންނަކީވެސް މުޖުތަމަޢުގެ އަޅާލުމާއި މުޖުތަމަޢުގެ ބައިވެރިވުން ލިބިގެން ފުރިހަމަ ތަރުބިއްޔަތެއްދީ ބޮޑުވާ ކުދިންނަށް ހެދުމުގެ މަޤްސަދުގައި ޤާއިމްކުރާ ތަންތަނެވެ. ޖެންޑަރ މިނިސްޓްރީން ބުނީ އަތޮޅުތަކަށް ކުދިން ބަދަލުކުރާއިރު، އެކުދިން ދިރިއުޅެމުންދާނީ ދަޢުލަތުގެ ބެލުމުގެދަށުގައި ތިބި، އެ ޢާއިލާއެއްގެ އެހެން ކުދިންނާވެސް އެކުގައި ކަމަށެވެ. އަދި މިކުދިން ރަށުގެ އެހެން އާއިލާތަކާވެސް ގުޅުވައިދޭނެކަމަށް އެމިނިސްޓްރީން ބުންޏެވެ. ރަށްރަށުގައި ހަދާ މަރުކަޒުތަކުގައި ކުދިން ބައިތިއްބާނީ ވަކި ޢަދަދަކަށެވެ. އަދި މި ތަންތަނުން އެކުދިންނަށް ބޭނުންވާ ފުރިހަމަ އަޅާލުމާއި ތަރުބިއްޔަތާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައްވެސް ހިންގާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.