އައްސޭރި ޖަލުގެ ބައެއް ޤައިދީންނަށް މަޢާފްދިނުމަށް ރައީސްއަށް ދެންނެވުމަށް ފާސްކޮށްފި

އައްސޭރި ޖަލުގެ ބައެއް ޤައިދީންނަށް މަޢާފްދިނުމަށް ރައީސްއަށް ދެންނެވުމަށް ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
21 މާރޗް 2021 10:30
0

ހިންމަފުށި އައްސޭރި ޖަލުގައި ތިބި އަޚްލާގު ރަނގަޅު ޤައިދީންނާއި، ކުށްކުރުން މަދު މީހުން ފާހަގަކޮށް، އެފަދަ މީހުންނަށް މައާފު ދިނުމުގެ ހާއްސަ އުސޫލެއްގެ ދަށުން، އެ ފަރާތްތަކުގެ އަދަބު މައާފުކޮށްދިނުމަށް އިލްތިމާސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞަލިޙަށް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ފާސްކޮށްފިއެވެ.

އައްސޭރި ޖަލުގައި ތިބި ޤައިދީންނާއި ގުޅޭ ކަންބޮިޑުވުންތަކެއް ބަޔާންކޮށް ޕެޓިޝަން ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލައެއް ދިރާސާކޮށް އެކޮމިޓިން ނިންމިގޮތުގެ ރިޕޯޓްގައި ވަނީ13 ކަމެއް ހިމަނާފައެވެ. އެގޮތުން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީން ފާސްކުރި ރިޕޯޓްގައިވަނީ، ކުށްކުރާ ފަރާތްތަކަކީ ޖަލުގައި ބަންދު ކުރެވި މުޖުތަމައުން އެކަހެރި ކުރެވޭ ބަޔަކަށް ހެދުމުގެ ބަދަލުގައި "ނަން ކަސްޑޯޑިއަލް ސެންޓެންސް" ގެ ދަށުން ކުދި ކުށްކުރާ މީހުން މުޖުތަމައަށް ބޭނުންތެރި ހިދުމަތެއް ކުރުމަށްފަހު އެ ކުރި ކުށަށް މައާފު ލިބޭނެ ނިޒާމެއް ގާއިމު ކުރުމަށާއި އެކަމަށް މަގުފަހި ކުރުމަށްޓަކައި، ކަމާ ގުޅޭ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ރިޕޯޓްގައިވެއެވެ.

ކޮމިޓީ ރިޕޯޓްގައި ޖަލު ތަކުން މަސްތުވާތަކެއްްޗާއި، މަސްތު ވުމަށް ބޭނުންކުރާ ބޭހާއި ދުންފަތުގެ ބާވަތްތައް ފަސޭހަކަމާ އެކީގައި ލިބުމާއި ބޭސް ސިޓީއެއް ނެތި ގައިދީންނަށް ބައެއް ބޭސް ދެމުންދާކަމީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ބުނެ، އެފަދަ ކަންކަން ކުރިމަގުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ޒިންމާދާރުކަމާއެކީ ޖަލުތައް މޮނިޓާ ކުރުން މުހިއްމު ކަމަށްވެސް ބަޔާންކުރެއެވެ. އަދި ގައިދީންނަށް ހައްގުވާ ކްލެމެންސީ ދިނުމުގައި ގިނަ ދުވަސްތަކެއް ވުމާއި، އަދި ކްލެމެންސީ ބޯޑުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ވީ އެންމެ އަވަހަކަށް ގެނައުމަށްވެސް ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައިވެއެވެ. މީގެ އިތުރުން ގައިދީންނަށް ހައްގުވާ ޕެރޯލް ދިނުމުގައި ގިނަ ދުވަސްތަކެއް ވުމާއި އަދި ޕެރޯލް ބޯޑޫގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި، ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ވީ އެންމެ އަވަހަކަށް އިސްލާހު ގެނައުމަށްވެސް ހިމަނާފައިވެއެވެ.

އަޚްލަާގު ރަނގަޅު ޤައިދީނަށް މަޢާފްކޮށްދިނުމަށް ރައީސްއަށް އިލްތިމާސްދެންނެވުމަށް ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ރިޕޯޓެއް ފޮނުވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އޮފީހުން ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް ކުށްވެރިންނަށް މަޢާފްދީ އަފްޢާމް ދެމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސް ވަނީ އެވާހަކަތައް ދޮގުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.