ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޤަތަރަށާއި ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅަށްފަހު ކަރަންޓިންވެވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތީ އިއްޔެއެވެ. ރައީސްގެ ދެކަނބަލުން ކަރަންޓީންވެވަޑައިގެންފައިވާއިރު، ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ކެމްޕެއިންކުރުމަށް އެމްޑީޕީން ބާއްވަމުން އަންނަ ރަށްވެހި ފަތިސްގައި ރޭ ރައީސް ބައިބެރިވެވަޑައިގެންފައިވަނީ ވާރޗުއަލްކޮށެވެ. ރައީށްގެ ދެކަނބަލުން 10 ދުވަހުގެ ކަރަންޓިންގެ މުއްދަތު ފުރިހަމަކުރާނެކަމަށް މަޢުލޫމާތު ލިބެއެވެ.
ރައީސްގެ ދެކަނބަލުން ކަރަންޓީންވެވަޑައިގެންފައި ވީނަމަވެސް، މީގެ ކުރިން ރައީސް އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅަށްފަހު ކަރަންޓިންވެވަޑައިގެންފައެއް ނުވެއެވެ. އެ ދަތުރުފުޅުތައް ކުރައްވާފައިވަނީ އެޗްޕީއޭއިން ހުއްދަކުރާ ޚާއްޞަ ހުއްދައިގެ ދަށުންނެވެ. އެގޮތުން ރައީސް ވަނީ ހޯރަފުށްޓަކަށާއި، ލ.ގަމަށް ވަޑައިގެންފައެވެ. ނަމަވެސް އެނބުރި ވަޑައިގެން ކަރަންޓިންވެވަޑައިގެންފައެއް ނުވެއެވެ.
ރައީސްގެ ދެކަނބަލުން ޤަތަރަށާއި ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅަށްފަހު ކަރަންޓިންވެވަޑައިގެންފައިވާއިރު، ބަންގްލަދޭޝްއަކީ ކޯވިޑް-19 ވަރަށް ހަލުވިކަމާއެކު ފެތުރޭ ޤައުމެކެވެ. ރައީސްގެ މިދަތުރުފުޅަކީ މިދިޔަ އަހަރު ކޯވިޑް-19 ރާއްޖެއިން ފެނުނުފަހުން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ކޮމެންޓު ފޮނުވާ