އެންމެ އިސްކަމެއް ދެއްވާނީ މާލޭގެ އެހެން އަވަށްތަކެކޭ އެއްގޮތަށް ވިލިމާލެ ތަރައްޤީކުރުމަށް މާލޭގެ މޭޔަރުކަމަސް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ޓިކެޓްގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ ނަަހުލާ ޢަލީގެ ކެމްޕެއިން ލޯންޗުކުރުމަށް ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ.މުޢިއްްޒު ވިދާޅުވީ، ވިލިމާލޭގައި މީހުން އާބާދުކުރުމުގެ ކުރިން ވިލިމާލޭގައި މީހުން އާބާދުކުރުމަށް ހެދި ޕްލޭނތައްް އަދިވެސް އެބައޮތްކަމަށާއި، އެ ޕްލޭން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށެވެ. އެގޮތުން ކުރީގެ ޕްލޭނިން އާބަން ޑިވެލޮޕްމަންޓް ބޯޑުގައި މަސައްކަތްކުރެއްވި މީހެއްގެ ހައިސިއްޔަތުން ވިލިމާލޭގެ ޕްލޭން އެންމެ ހެޔޮގޮތުގައި އެދާއިރާގެ މައްސަލަތައް ހައްލުކުރެވެންހުރި ގޮތްތައް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެ މުޢިއްޒު ވިދާޅުވީ، އެންމެ އިސްކަމެއް ދެއްވާނީ މާލޭގެ ކޮންމެ އަވަށެކޭ އެއްގޮތަށް ތަރައްްީކުރެވިފައިވާ ތަނަކަށް ވިލިމާލެ ހެދުމަށްކަމަށެވެ. އެގޮތުން އެކަންކުރުމަށް ސަރުކާރަށް ހުށައަޅަންޖެހޭ ކަންކަން ހުށައެޅުމަށް ފަހަތަކަށް ނުޖެހޭނެކަމަށާއި، ރައްޔިތުން ބޭނުންވާގޮތަށް މަޝްވަރާކޮށް އެ ބަދަލު ގެނައުމަށް އިސްނަގާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.
ޑރ.މުޢިއްޒު ވިދާޅުވީ ވިލިމާލެއަށްވެސް އޮތް އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަންކަމަށާއި، އެއީ ބުރަ އެހެންނަމަވެސް ކުރަންޖެހިފައިވާކަމެއްކަމަށެވެ. މުޢިއްޒު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ވިލިމާލޭގައި ބިން އެބައޮތްކަމަށެވެ. އެއީ މިހާރު ވިލިމާލޭގައި އެންމެ ހެޔޮގޮތުގައި ބޭނުންކުރާ ބިންތައް ނޫންކަމަށެވެ. ނަހަމަ ގޮތުގައި ބޭނުންކުރެވޭ ބައެއް ބިންތައް އެބަހުރިކަން ފާހަގަކުރައްވަމުން މުޢިއްޒުވަނީ ވިލިމާލޭގައި މަދުވެގެން 500 ފްލެޓް އެޅޭނެ ޖާގަ އޮތްކަމަށް ވިދާޅުވެފައެވެ. އެކަން ކުރުމަށް ފައިސާ ހޯދޭނެ ގޮތްތައް އެނގިވަޑައިގަންނަވާކަމަށާއި، އެކަންކުރުމަށްފަހު ސަރުކާރަށްް ހުށައަޅުއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ ވިލިމާލޭގައިވެސް 10 ބުރިއަށް ގެދޮރު ޢިމާރާތްކުރެވެންޖެހޭކަމަށާއި، އެގޮތަށް ޤަވާއިދު ބަދަލުކުރައްވާނެކަމަށެވެ. އަދި ރައްޔިތުން އެ ފުރުޞަތު މުޢިއްޒުއަށް ދެއްވައިފިނަމަ ވިލިމާލޭގެ ގެދޮރުވެރިކަމަށް ހެޔޮ ބަދަލެއް އަންނާނެކަމަށާއި، ވިލިމާލޭގެ ބަނދަރު ވިލިމާލޭ ރައްޔިތުންނަށް ފައިދާވާނެގޮތަށް ބޭނުންކުރުމަށް ބަދަލު ގެންނަވާނެކަމަށްވެސް ވިދާޅުވިއެވެ.
އަދި ޒަމާނީ ފެންވަރުގެ ބޮޑު ކުޑަކުދިންގެ ޕާކެއް ހެދުމަށް ހުށައަޅުއްވާނެކަން ފާހަގަކުރައްވަމުން މުޢިއްޒު ވަނީ ވިލިމާލޭގައި ބަދަލުގެންނަންޖެހޭ ވަރަށް ގިނަ ކަންކަން ކުރިކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން ފުރުޞަތު ދެއްވައިފިނަމަ އެ ނަތީޖާ ނެރެދެއްވާނެކަމުގެ ޔަޤީންކަން މުޢިއްޒު ދެއްވިއެވެ.
ކޮމެންޓު ފޮނުވާ