އުނގޫފާރުން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، މިމަހުގެ 2 ވަނަ ދުވަހުގެ ފަހުން ރ. އުނގޫފާރުގައި އުޅެފައިވާ މީހެއްނަމަ އެކަން އެންގުމަށް އެދިއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރ.އުނގޫފާރުން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، 2 މާރިޗް 2021 ގެ ފަހުން ރ. އުނގޫފާރުގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ މީހެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގެވުން އެދޭކަމަށެވެ. އަދި އެތާރީޚްގެ ފަހުން ރ. އުނގޫފާރަށް ގޮސްފައިވާ މީހެއްވާނަމަ، އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން އެމީހުންގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސާނެކަމަށާއި، މިމަހުގެ 2ގެ ފަހުން ރ. އުނގޫފާރުން މާލެއަށް އައިސްފައިވާ މިހުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެންގެވުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާކުރެއްވުމަށް ދަންނަވަމެވެ.
– ހެލްތު ޕްރޮޓެކްޝަން އެޖެންސީ
އުނގޫފާރުން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ އެރަށް މޮނިޓަރިންގެ ޙާލަތަށް އިއްޔެ ވަނީ ގެންގޮސްފައެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުން ނެގި ސާމްޕަލެއް ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެރަށުން ޕޮޒިޓިވްވެފައިވަނީ އެރަށުން މާލޭއަށް ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ މީހެއްގެ އަންހެނުންނެވެ. މިއާއެކު މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ