ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ ޓޫރިސްޓް އެނދުގެ 86 އިންސައްތަ އޮޕަރޭޝަނަށް ނެރެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން ކޯވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައިސް، އަލުން ފަށައިގަތް ފަހުން މިހާތަނަށް 45،527 ޓޫރިސްޓް އެނދު ހިދުމަތަށް ވަނީ ނެރެފައެވެ. އެއީ ރާއްޖޭގައި މިހާތަނަށް ތަރައްޤީކޮށްފައިވާ ޓޫރިސްޓް އެނދުގެ 86 އިންސައްތަ އެވެ. ރާއްޖޭގެ ޓޫރިސްޓް އެނދުގެ ޖުމްލަ އަދަދަކީ 52،818 އެވެ.

މިއަދަދަށް އެނދު އޮޕަރޭޝަނަށް ނެރެވިފައި ވަނީ 682 ޓޫރިސްޓް ފެސިލިޓީ އިންނެވެ. އެއީ 149 ރިސޯޓާއި 385 ގެސްޓް ހައުސް އާއި 137 ސަފާރީގެ އިތުރުން 11 ޓޫރިސްޓް ހޮޓަލުންނެވެ. ތަފާސް ހިސާބުތަށް ދައްކާގޮތުން ރާއްޖޭގައި ތަރައްޤީކޮށްފައިވާ ރިސޯޓްތަކުގެ ތެރެއިން މިހާތަނަށް އޮޕަރޭޝަނަށް ނުގެނެވި ވަނީ އެންމެ 10 ރިސޯޓެވެ. ނަމަވެސް މުޅި ރާއްޖޭގައި ހުރި ގެސްޓްހައުސް ތަކުގެ ތެރެއިން 56 އިންސައްތަ ގެސްޓްހައުސް އަދިވެސް އޮޕަރޭޝަނަށް ނުގެނެވެއެވެ.
ޓޫރިސްޓް ބެޑް ކެޕޭސިޓީގެ ބޮޑު އިންސައްތައެއް މިހާރު އޮޕަރޭޝަނަށް ގެނެވިފައި ވާއިރު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް މިހާރުވަނީ 247،138 އަށް އަރާފަ އެވެ. އެއީ ޖަނަވަރީ މަހު ރާއްޖެ އައި 92،103 ފަތުރުވެރިންނާއި މިދި މަހު އައި 96،882 ފަތުރުވެރިންނާއި މިމަހުގެ މިހާތަނަށް އައި 58،153 ފަތުރުވެރިން ހިމަނައިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށެވެ. އެހެންކަމަށް ވާނަމަ އެވްރެޖްކޮށް މަހަކު 1 ލައްކަ 25 ހާސް ފަތުރުވެރިން ރާއްޖެ ގެންނަންޖެހެއެވެ.
ކޮމެންޓު ފޮނުވާ