ރާއްޖެއަށް މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި އިންޑިއާ އާއި ރަޝިއާ އިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ބައި ލައްކައަށްވުރެ އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ބުދަދުވަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 57،965 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އެއީ މި އަހަރުގެ މިހާތަނަށް ރާއްޖެއައި ޖުމްލަ ފަތުރުވެރިންގެ 23.8 އިންސައްތަ އެވެ.
އަދި ރަޝިއާ އިން ރާއްޖެއަށް 52،902 ފަތުރުވެރިން މިއަހަރު މިހާތަނަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. އެއީ މި އަހަރުގެ މިހާތަނަށް ރާއްޖެއައި ޖުމްލަ ފަތުރުވެރިންގެ 21.7 އިންސައްތަ އެވެ.

މި ދެ ގައުމުގެ އިތުރުން ރާއްޖެއަށް މިއަހަރު މިހާތަނަށް ދެން އެންމެ ގިނަ ފަތުރުވެރިން އައީ ޔޫކްރައިން އިންނެވެ. އެގައުމުން 15940 ފަތުރުވެރިން މިއަހަރު ރާއްޖެއަށް އައިސްފައި ވެއެވެ. މީގެ އިތުރުން ކަޒަކިސްތާނާއި ޖަރުމަނު ވިލާތުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވެސް 10 ހާހުން މައްޗަށް ވަނީ އަރާފައެވެ.
މިއާއެކު ރާއްޖެއަށް މިމަހުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 54،994 އަށް ވަނީ އަރާފައެވެ. އެހެންކަމުން މި މަހުގެ މިހާތަނަށް ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 3235 ފަތުރުވެރިން އައިސްފައި ވެއެވެ.
މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދުވެސް 243،979 އަށް ވަނީ އަރާފައެވެ. އަދި މި އަހަރު ފަތުރުވެރިން އެވްރެޖް ގޮތެއްގައި9 ދުވަސް ރާއްޖޭގައި ހޭދަކުރާކަމަށް ތަފާސް ހިސާބުތަށް ދައްކައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރަނީ ރަޝިއާ އާއި އިންޑިއާ އިންނެވެ. ރާއްޖެ އިޝްތިހާރު ކުރުމަށް މިއަހަރު ބައިވެރިވާ ގިނަ ފެއަރތަކާއި ރޯޑްޝޯވްތައް އަމާޒުކޮށްފައިވަނީވެސް މި ދެ ގައުމަށެވެ.
ކޮމެންޓު ފޮނުވާ