އައްޑޫސިޓީ ލިންކު ރޯޑުން ހަންކެޑެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި އަންހެންމީހާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ފަށައިފިއެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ އަންހެން މީހާގެ ބޮލަށް އަނިޔާ ލިބި، މޭ ކަށިގަނޑާއި ކޮނޑު ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން އޭނާ އަށް ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް ވެސް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ހަންކެނޑަ ބްރިޖް ކައިރިން ލިންކް ރޯޑުގައި ސައިކަލާއެކު ވެއްޓި އަނިޔާވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 6:45 ގައި ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން މި ހާދިސާ ހިނގީ އެހެން އުޅަނދެއްގައި ޖެހިގެން ކަމެއް ނުވަތަ ކަހާލައިގެން ވެއްޓިގެން ކަމެއް ކަށަވަރުވެފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ ސ. ހިތަދޫ ސަންރީފް، ފާތުމަތު އަސްމާއަށެވެ. އަދި މި އެކްސިޑެންޓް ހިނގާފައިވަނީ އޭނާގެ ދަރިފުޅު އައްޑޫ ހައި ސްކޫލަށް ގެންދިއުމަށްފަހު އެނބުރި މަރަދޫފޭދޫއަށް ދިޔަ މަގުމަތީގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އެ ސަރަހައްދުން ދިޔަ އާންމުންގެ ބައެކެވެ. މި އެކްސިޑެންޓް ހިނގީ އޭނާ ދުއްވާފައި ދަނިކޮށް އެހެން ވެހިކަލެއްގައި ޖެހިގެންކަމަށް ލަފާކުރެވުނު ނަމަވެސް، އެކްސިޑެންޓުވި ސަރަހައްދުގައި އިތުރު ވެހިކަލެއް ނެތް ކަމަށް ޚަބަރު ލިބެއެވެ.
ކޮމެންޓު ފޮނުވާ