ރަސްފަންނު ސަރަހައްދުގައި ފެންކުންފުނި ތަރައްގީކޮށްފައިވާ ޕެވީލިއަން އެތަން ކުރިން ހިންގި ސިބްކޯ ކުންފުންޏަށް އަނެއްކާވެސް ދީފިއެވެ.
މީގެކުރިންވެސް އިންޓަރނޭޝަނަލް ފްރެންޗައިޒްތަކަކާއެކު އެތަން ހިންގީ ސިބްކޯއިންނެވެ. ނަމަވެސް އެކުންފުނިން އެތަން ހިންގި މުއްދަތުގައި އެތަނަށް ދައްކަންޖެހޭ ކުލި ދައްކާފައި ނުވާތީ އެމްޑަބްލިއުއެސްސީން ސިބްކޯއަށް ނޯޓިސް ފޮނުވައި މައްސަލަ ކޯޓަށްވެސް ވަނީ ވައްދާފައެވެ. އޭގެފަހުން އެމްޑަބްލިޔުއެސްސީން ނޯޓިސް ދިން މައްސަލަ ސިބްކޯ އިން ވެސް ކޯޓަށް ހުށަހެޅި އެވެ. މިއިން އެއްވެސް މައްސަލައެއް ކޯޓަކުން އަދި މިހާތަނަށް ނިމިފައެއް ނުވެއެވެ.
ނަމަވެސް ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް ކުރިންވެސް އެތަން ކުއްޔަށްދީފައިވާ ކުންފުންޏަށް އަލުން އާ އެގްރީމެންޓެއްގެ ދަށުުން ޕެވީލިއަން ކުއްޔަށް ދިނުމަށް ނިންމީ، މިކަމުގައި އެމްޑަބްލިއުއެސްސީގެ މައްސަލަތަކެއްވެސް ހުރިކަން ފާހަގަވުމާއެކު، ތަން ވީރާނާވާން ދޫކޮށްނުލައި، ވީއެންމެ އަވަހަކަށް އެތަން އަލުން ބޭނުންކުރަން ފެށޭނެ ގޮތެއް ހެދުމަށް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
ސިބްކޯއަސް ޕެވީލިއަން ކުއްޔަށް ދީފައިވަނީ މަހަކު 250،000 ރުފިޔާގެ ކުއްޔަކަށް 19 އަހަރުގެ މުއްދަތަކަށެވެ. އަލަށް ހަދާ އެގްރީމެންޓްގެ ދަށުންވެސް އެތަން ކުއްޔަށް ދޫކުރަނީ ހަމަ އެ އަގަށް އެ މުއްދަތަށެވެ. ނަމަވެސް ތަން އަލުން ހަވާލުކުރަނީ، އެތަނުގެ ކުއްޔާއި އެހެނިހެން ކަންކަމުގެ ގޮތުގައި ކުރިން ނުދައްކާ ހުރި ފައިސާ ވެސް އުސޫލެއްގެ ތެރެއިން އެމްޑަބްލިއުއެސްސީއަށް ލިބޭނެ ފަދަގޮތަކަށް ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.
ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވުމާއިއެކު އެތަން ވަރަށްބޮޑަށް ވީރާނާވެ ހަލާކުވެފައި ވީނަމަވެސް ރޯދަމަސް ފެށެން ވާއިރަށް އެތަން އަލުން ބޭނުންކުރަން ފެށޭވަރުވޭތޯ މަސައްކަތްކުރަމުންދާކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
ކޮމެންޓު ފޮނުވާ