ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް، ސަޓާއަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ
އެވޯޑް އިންތިޒާމު ކުރާ ހަައިރައިޒުން ބުނީ އެވޯޑަށް ނަން ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށާއި 52 ކެޓަގަރީއަކުން އެވޯޑަށް ނަން ހުށަހެޅޭނެ ކަމަށެވެ. އޭގެތެރޭގައި ފަތުުރުވެރިކަމުގެ ޙިދުމަތްދޭ ތަންތަނާއި، ބްރޭންޑްތަކާއި، ވިޒިޓާރސް ޗޮއިސް އެވޯޑަކާއި، ޙިދުމަތުގައި ފާހަގަކޮށްލެވޭ ފަރާތަކަށް ޙާއްސަ ކެޓަގަރީވެސް ހިމެނެއެވެ.
އެވޯޑަށް ނޮމިނޭޓްވުމަށް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެކަމަށްވެސް ހައިރައިޒުން ބުނެއެވެ.
ސަޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ދޭ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. 2016 ވަނަ އަހަރުފެށިގެން ދެމުންގެންދާ މި އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާގެ ދުނިޔޭގެ ފެންވަރުގެ ބޮޑެތި ކުންފުނިތަކަކުން އެންޑޯޒް ކޮށްފައިވާ އެވޯޑެކެވެ. ސަޓާ އެވޯޑު އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު، ސްރީލަންކާގެ މައުންޓް ލެވީނިއާ ހޮޓެލްގައެވެ.
ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރު ސަޓާ އެވޯޑް ހަފްލާ ބާއްވާފައިވަނީ ވާޗުއަލްކޮށެވެ. އެހެންނަމަވެސް މި އަހަރު މި އެވޯޑް ހަފްލާ ބާއްވަން ނިންމާފައިވާ ގޮތް ހައިރައިޒުން އަދި ހާމައެއް ނުކުރެއެވެ.