ހުރިހާ ދާއިރާއަކުން ފުރިހަމަ ނަތީޖާ ނެރެވޭނީ މިންތީގެ ހަމަހަމަކަން ޤާއިމްކުރެވިގެން

ހުރިހާ ދާއިރާއަކުން ފުރިހަމަ ނަތީޖާ ނެރެވޭނީ މިންތީގެ ހަމަހަމަކަން ޤާއިމްކުރެވިގެން

Author
މުޙައްމަދު ޝަޒައިމް
08 މާރޗް 2021 11:17
0

ހުރިހާ ދާއިރާއަކުންވެސް ފުރިހަމަ ނަތީޖާ ނެރެވޭނީ އަންހެނުންނާއި ފިރިހެނުންގެ ޚިޔާލާއި މަޝްވަރާ ހޯދައި، މިންތީގެ ހަމަހަމަކަން ޤާއިމު ކުރެވިގެން ކަމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ބުނެފިއެވެ.

އަންހެނުންގެ ދުވަހުގެ މުނާސަބަަތުގައި އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނިމިދިޔަ އަހަރަކީ ދަތި އުނދަގޫ އަހަރެއްނަމަވެސް، މިއަހަރު މިވަނީ ވެކްސިންއާއެކު ކޯވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތަށް އާ އުންމީދުތަކެއް ލިބިފައިވާ އަހަރެއްގެ ގޮތުގައިކަމަށެވެ. ކޯވިޑް ބަލިމަޑުކަމާއި މުޅި ދުނިޔެ ހަނގުރާމަ ކުރަމުންދާ މިހައްސާސް ހާލަތުގައި، އަންހެނުންގެ ދައުރު ހުރިހާ ދާއިރާއަކުން ފާހަގަކޮށްލެވޭކަމަށެވެ. ވަރުބަލިކަމެއްނެތި ޤައުމާއި ރައްޔިތުންނާއި އާއިލާތަކުގެ ހައްޤުގައި ރެއާއި ދުވާލު ބުރަކޮށް މަސައްކަތް ކުރައްވަމުންގެންދަވާ އެންމެހާ އަންހެނުނަށް އެމްއާރުއެމްއިންވަނީ ޝުކުރާއި އައްސަރިބަހާއި ސާބަސް ދަންނަވާފައެވެ.

މިއަދު ފެނިގެންދަނީ ރާއްޖޭގައިވެސް ޤާބިލު، ހިތްވަރުގަދަ އަންހެން ބޭފުޅުން ފްރަންޓްލައިންގައާއި، ސިއްޙީ އަދި ނަފްސާނީ ޚިދުމަތުގައި ލާމަސީލު މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާ މަންޒަރު. އެބޭފުޅުންގެ މިޤުރުބާނީ ތާރީޚުގައި ރަންއަކުރުން ލިއެވިގެންދާނެ. ފުރަންޓްލައިންގައި ގިނަ އަންހެނުން ހަރަކާތްތެރިވި ނަމަވެސް ސިޔާސަތު ކަނޑައެޅުމާއި، ގޮތް ނިންމާ ފެންވަރުގެ މަގާމުތަކުގައި އަންހެނުންގެ ނިސްބަތް އަދިވެސް ވަރަށް މަދުކަން ހިތާމައާއެކު ފާހަގަކުރަން ޖެހޭ. ހުރިހާ ދާއިރާއަކުންވެސް ފުރިހަމަ ނަތީޖާ ނެރެވޭނީ އަންހެނުންނާއި ފިރިހެނުންގެ ޚިޔާލާއި މަޝްވަރާ ހޯދައި، މިންތީގެ ހަމަހަމަކަން ޤާއިމު ކުރެވިގެން.

– އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއާރުއެމްއިން ބުނެފައިވަނީ އަންހެނުންގެ ހައްޤުތައް ރައްކާތެރިކޮށްދީ ހަމަހަމަ ފުރުޞަތު ކަށަވަރު ކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައެވެ. ސަރުކާރުން ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ސިޔާސަތު ކަނޑައަޅާ މަޤާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް އެމްއާރުއެމްއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ލޯކަލް ކައުންސިލު އިންތިޚާބުގައި އަންހެނުންނަށް 33% ގޮނޑި ހާއްސަ ކުރެއްވުމަށް ނިންމެވި ނިންމެވުން ވަނީ ފާހަގަކޮށްފައެވެ. އަދި ސިޔާސީ މައިދާނުގައި މިންތީގެ ހަމަހަމަކަން ކަށަވަރު ކޮށްދިނުމަށް ޕާޓީގެ އިސް މަޤާމުތަކުގައި ފިރިހެނުންނާއި އެއްހަމައެއްގައި އަންހެނުންނަށް ފުރުޞަތު ކަށަވަރު ކޮށްދިން ފުރަތަމަ ސިޔާސީ ޕާޓީއަކީ އެމް.އާރް.އެމް ކަމުގައި އެޕާޓީން ވަނީ ބުނެފައެވެ.

އެމް.އާރް.އެމްގެ އުންމީދަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އަންހެން ކެނޑިޑޭޓުންނަށް ފުރިހަމަ ކާމިޔާބީއެއް ލިބިގެން ދިއުންކަމަށާއި، އަންހެނުންގެ ބައިވެރިވުން ސިޔާސީ، އިޖުތިމާޢީ އަދި އިޤްތިޞާދީ މައިދާނުގައި ކަށަވަރުކޮށްދީ، ޤައުމުގެ މުހިއްމު ކަންކަން ނިންމުމުގައި ފިރިހެނުންނާއި އެއްހަމައެއްގައި އަންހެނުންނަށް ފުރުޞަތު ކަށަވަރުވެ، މިއަދަށް ވުރެ ފަހި މާދަމައެއް އެންމެހާ އަންހެނުންނަށް ލިބިގެން ދިއުންކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.