ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ޖަލްސާތަކަށާއި ކޮމިޓީ ބައްދަލުވުންތަކަށް ވަޑައިނުގެން، އެއްވެސް ހައްދެއް ނެތި ސަލާމުގައި ނުތިއްބެވޭ ގޮތަށް ރައްްޔިތުންގެ މަޖިލީހުގެ ގަވައިދު އިސްލާހުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހާއި މެދު މެމްބަރުންގެ މެދުގައި ބޮޑު ޚިޔާލް ތަފާތުވުމެއް އުފެދިއްޖެއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރު މީކާއިލް މި އިސްލާހު ހުށަހަޅާފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށެވެ. މި އިސްލާހު ހުށަހެޅުމާއިއެކު އެޕާޓީގެ ގިނަ މެމްބަރުންވަނީ މި އިސްލާހާއި މެދު ހިތްހަމަ ނުޖެހި އިސްލާހު ބަަލައި ނުގަންނާނެކަމަށް ވިދާޅުވެފައެވެ.
ބައެއް މިޑީޔާތަކުން އިސްލާހު މަޖިލީހަށް ހުށަހަޅާފައިވާކަމަށް ބުނެފައި ވީނަމަވެސް އަދި އިސްލާހު މަޖިލީހަށް ހުށަނާޅާކަމަށް އެމްޑީޕީ ޕީޖީ ގްރޫޕްގެ މެމްބަރަކު ވިދާޅުވިއެވެ. އިސްލާހާއިމެދު މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުމުން މިކަމާއިމެދު ގޮތެއް ނިންމާނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުންކަމަށް ޚަބަރު އޮންލައިނާއި މައުލޫމާތު ހިއްސާ ކުރެއްވި މެމްބަރު ވިދާޅުވިއެވެ.
މަޖިލީހުގެ ގަވައިދަށް މީކާއީލް ހުށަހެޅުއްވި އިސްލާހުގައި ވާގޮތަށް ގަވައިދު ބަދަލުކޮށްފި ނަމަ މެޑިކަލްް ސެޓްފިކެޓް ހުށަނާޅުއްްވައި، ސަލާމުގައި ތިއްބެވޭނީ އަހަރަކު 15 ދުވަހުއެވެ. އެއަށް ވުރެ އިތުރުވާ ނަމަ މެޑިކަލް ސެޓްފިކެޓް ގެންދަވަން ޖެހިވަޑައިގަންނަވާއިރު އެގޮތަށް ވެސް ނެންގެވޭނީ އަހަރަކު 15 ދުވަހެވެ. އެގޮތުން މެމްބަރުންނަށް ސަލާމް ވިދާޅުވެގެން ތިއްބެވޭނީ އަހަރަކު ޖުމްލަ 30 ދުވަހުއެވެ.
މީކާއީލް ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ ބޮޑު ބައްޔެއް ނުވަތަ އެކްސިޑެންޓެއް ވެއްޖެނަމަ އެ މެންބަރަކު އެ މާއްދާއިން އިސްތިސްނާ ވާނެ ކަމަށެވެ.
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށުމުގެ ކުރިން ސަލާން ވިދާޅުނުވެ ވެސް މެންބަރުން ޖަލްސާއަށް ހާޒިރުނުވެ ތިއްބެވުމަށް ގަވާއިދު ހުރަހެއް ނާޅައެވެ. އަދި ހާޒިރު ނުވާ ޖަލްސާތަކަށް މުސާރައިން އުނި ވެސް ނުކުރެއެވެ. އެމްޑީޕީގެ މެޖޯރިޓީއާއެކު މި މަޖިލިސް ފެށި އެ ކަން ހުއްޓުމަކަށް ގެންނަން ސަލާން ވިދާޅުނުވެ ހާޒިރު ނުވާ ޖަލްސާތަކުން މުސާރައިން އުނިކުރާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައެވެ.
މަޖިލީހަށް އެންމެ ގިނައިން ސަލާމް ވިދާޅުވާ މެމްބަރުންގެ ނަންތައް ފާހަގަކޮށް މަޖިލިސް ރައީސް ވަނީ ދާދިފަހުން މަޖިލީހުގެ ޖަލްސާއެއްގައި އެނަންތައް ވިދާޅުވެފައެވެ. މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލީހަށް ސަލާމް ފޮނުވުމުގައި ވަރަށް ގިނަ ދުވަހު ސަލާމްގައި ތިއްބަވާ މެމްބަރުން ފާހަގަވާކަމަށެވެ. މިގޮތުން އދ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް މިދިޔަ އަހަރު އެއްކޮށް ހުންނެވީ ސަލާމުގައިކަމަށް ރައީސް ނަޝީދު ވިދަޅުވިއެވެ. އަދި މިއަހަރުގެ މިދައުރުގެ މިހާތަނަށްވެސް ގާސިމް ގެންދަވަނީ ސަލާމް ވިދާޅުވަމުންކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރ އަހްމަދު ސިޔާމް މުހައްމަދުވެސް ގެންދަވަނީ ސަލާމް ވިދާޅުވަމުންކަން ނަޝީދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ސިޔާމް ސަލާމުގައި ހުންނެވީ ކިހާ ދުވަހަކުކަމެއް ނަޝީދު ވިދާޅެއްނުވެއެވެ.
ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދުވެސް ސަލާމް ވިދާޅުވެފައިވާކަން ފާހަގަކުރައްވަމުން މަޖިލީހުގެ ރައީސް ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ހުސެއިން ވަހީދު އުޅުއްވަނީ އާލާސްކަންފުޅާކަމަށެވެ. އަދި ޑޮކްޓަރުންގެ ލަފަޔާއެކު ބޭސްކުރައްވަމުން އަންނަކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ