އެއްވެސް ސިޔާސީ ޕާޓީއަކުންވެސް އަދި އެއްވެސް ބޭފުޅަކުވެސް ކައުންސިލް އިންތިޚާބަށް އެންޓި ކެމްޕެއިން ނުކޮށް ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދެވުމަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްވެސް ކެންޑިޑޭޓަކަށް އެންޓި ކެމްޕެއިން ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫންކަަށެވެ. ކެންޕެއިން ކުރުމަށް ލިބިފައިވާ ފުރުސަތުގައި ރީތި ގޮތުގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ޝަރީފްވަނީ ހުރިހާ ޕާޓީތަކަށާއި، ކެންޑިޑޭޓުންނަށް އިލްތިމާސް ކޮށްފައެވެ.
ކެމްޕެއިން ނުކުރައްވާ، އެންޓި ކެމްޕެއިން ނުކުރައްވާ، ވޯޓު ހޯއްދަވަން މަސައްކަތް ކުރައްވާ، ވަކި މީހަކަށް ވޯޓް ނުލާން ވިދާޅުނުވޭ.
– ޝަރީފް ވިދާޅުވިއެވެ.
އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ފަށައިގެން ކުރިއަށްދާއިރު ބައެއް ކެނޑިޑޭޓުންނާ ދެކޮޅަށް އެންޑިކެމްޕެއިން ކުރަމުންދާކަމުގެ ޝަކުވާތަކެއްވަނީ ފެންމަތުވެފައެވެ.
ޚާއްސަކޮށް މާލޭގެ މޭޔަރުކަމަށް ވާދަކުރާ ބައެއް ކެނޑިޑޭޓުންނާ ދެކޮޅަށް ސޯޝަލް މީޑިއާގައި އެންޓިކެމްޕެއިން ކުރާކަމުގެ ކަންބޮޑުވާކަމަށް އެ ކެނޑިޑޭޓުންނައި ސަޕޯޓަރުންދަނީ ބުނަމުންނެވެ.
އިންތިޚާބުތަކާއި ބެހޭ ޤާނޫނުގައި ކެމްޕެއިންގެ ތެރޭގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެކަން ކަން ބަޔާންކޮށްފައިވާއިރު، ނުކުރެވޭނެ ކަންތައްތަކުގެ ތެރޭގައި މީހަކަށް ވޯޓު ނުލުމަށް ބުނުމަކީ ކޮށްގެންވާނެކަމެއް ނޫނެވެ. އަދި އެއްވެސް ކެނޑިޑޭޓެއްގެ އިންތިޚާބީ ހައްޤަކަށް އަރައިގަނެގެން ނުވާނެކަމަށްވެސް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
ކޮމެންޓު ފޮނުވާ