ވިޔަފާރިއެއް ކުރުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވަގޮތަށް މަސައްކަތެއް ނުކުރާނަން: ރޮޒޭނާ

ވިޔަފާރިއެއް ކުރުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވަގޮތަށް މަސައްކަތެއް ނުކުރާނަން: ރޮޒޭނާ

Author
މުޙައްމަދު ޝަޒައިމް
07 މާރޗް 2021 04:22
0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީވެސް ވިޔަފާރި ކުރެވޭނެ ބައެއް ކަމަށާއި، ވިޔަފާރިއެއް ކުރުމަށްޓަކައި ކޮރަޕްޝަނަށް މަގު ފަހިވާގޮތަށް އެއްވެސް ކަމެއް ކުރައްވާފައި ނުވަނެކަމަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒޭނާ ހިއްސާ އޮންނަ ކުންފުންޏަކަށް، ކްލިނިކެއް ހިންގަން ހުއްދަ ދިނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ނުފޫޒުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައި ދެއްކެވި ވާހަތަކަ ތަކާއި ގުޅިގެން ރޮޒޭނާ ވިދާޅުވީ އެކުންފުޏަކީ 2016 އަހަރު ހަދާފައިވާ ކުންފުޏެއްކަމަށެވެ.

ހުޅުމާލޭގައި ކްލިނިކެއް ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް އެޗްޑީސީއިން ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލައި އެބިޑް ކާމިޔާބު ކުރެއްވީ ޑރ. އައިމިނަތު ނަޒީރާއި ރޮޒޭނާއާއި ދެބޭފުޅުންގެ ހިއްސާ އޮންނަ ޑީވައެމް ޕްރައިވެޓް ލިމިޓެޑުންނެވެ. ރާއްޖެ އެމްވީއާއި ވާހަކަ ދައްކަވަމުން ރޮޒޭނާ ވިދާޅުވީ ހެލްތް އެންޑް ވެލްނަސް ސެންޓަރާއި އެ ސެންޓަރުގެ 3 ވަނަ ފަންގިފިލާގައި ތަރައްގީ ކުރާ ހެލްތް އެންޑް ވެލްނެސް ކްލިނިކަކީ ހުށަހެޅުއްވި ބިޑްގައި ތަރައްގީކުރުމަށް ނިންމާފައިވާ ތަންތަންކަމަށާއި، ބިޑް ކާމިޔާބުވެއްޖެނަމަ އެ ނަން ބޭނުންކުރަން ބޭނުންވާތީ ވިޔަފާރި ނަމެއްގެ ގޮތުގައި ޓްރޭޑް މިނިިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާނެކަމަށެވެ.

ރޮޒޭނާ ވިދާޅުވީ މިއިން އެއްވެސް ކަމަކީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލާއި ގުޅުން ހުރި ކަމެއް ނޫންކަމަށެވެ. ޑީވައިއެމް ކުންފުނީގައި ރޮޒޭނާގެ 50 އިންސައްތަ ހިއްސާ އޮތްކަން ހާމައަށް އެނގެން އޮތްއިރު، މިކަން ބޮޑު ސިޔާސީ ކަމަކަށް ހަދައިގެން ވާހަކަދައްކާއިރު، ދެން ބިޑް ހުށަހެޅި މެޑިކުއިޕްގެ ހިއްސާދާރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އަނބިކަނބަލުންނާއި ބޭބެއެއްކަމަށް ވިދާޅުވިއެވެ. ރޮޒައިނާ ވަނީ މީހެއްގެ ނިވާފަތްގަނޑަށް ވަދެ އޮޅުވާލައިގެން ވިޔަފާރިއެއް ނުކުރާނެކަމަށާއި، ކުރާނީ ހާމަކޮށް ރައްޔިތުންނަށް ފެންނަ ގޮތަށް އިންސާފުވެރިކަމާއެކު ކަމަށް ވިދާޅުވެފައެވެ. މެޑިކުއިޕަށް ބިޑް ކާމިޔާބުވެއްޖެނަމަ ސަރުކާރަށް 5.5 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ނުފޫޒު ފޯރުވައިގެން ޝަރުތު ހަމަނުވާ ކުންފުންޏަކަށް ހުޅުމާލެ އިން ކްލިނިކެއް ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުމުން މިނިސްޓަރ ފައްޔާޒުވެސް ވަނީ އެކަމަށް ރައްދު ދެއްވާފައެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ އެ ކަންތަކުގައި ނޫޅުއްވާކަން ކުރިން ވެސް ދަންނަވާފައިވާނެ ކަމަށެވެ. ނުފޫޒު ފޯރުއްވެވޭ ކަންކަމާއި، ނުފޫޒު ނުފޯރުއްވެވޭފަދަ ކަންތައްތައް ހުންނާނެކަމަށް ވިދާޅުވުމަށްފަހު ފައްޔާޒް ވިދާޅުވީ ނުފޫޒު ފޯރުއްވަވާނަމަ، އެކަމަށް އެއްބަސްވާން ޖެހިލުންވެ ވަޑައިނުގަންނަވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.