ޒިންމާ އަދާ ނުކުރާ ކަމަށް ބުނެ ދާދި ފަހުން ސަސްޕެންޑްކުރި ދ. މީދޫ ކައުންސިލަރުންނަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމުން ވެސް އިޖާބަ ދެއްވާފައި ނުވާ ކަމަށް ކައުންސިލްތަކުގެ ބެލެނިވެރިޔާ ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.
ކައުންސިލަރުންނާ މެދު އޮތް ތުހުމަތުތަކަށް ޖަވާބުދާރީވާން ހަފުތާއެއް ދީ އެކަމާ ގުޅޭ ލިޔެކިޔުންތައް ހޯދަން އެދުނު ނަމަވެސް އެލްޖީއޭއަށް ލިބިފައި ވަނީ އޭގެ ތެރެއިން ވަރަށް މަދު ލިޔެކިޔުންތަކެއް ކަމަށްވެއެވެ. އަދި މިކަމާ ގުޅިގެން އެއްވެސް ކައުންސިލަރަކު ޖަވާބުދާރީ ނުވާކަމަށް އެލްޖީއޭ އިން ވަނީ ވިދާޅުވެފައެވެ.
މުސާރު ނުލިބޭ ގޮތަށް ސަސްޕެންޑް ކުރީ ތިން ކައުންސިލަރެކެވެ. އޭގެ ތެރޭގައި އެ ކައުންސިލްގެ ރައީސް އިޔާސް އިސްމާއިލް ލަތީފާއި ނައިބު ރައީސް ޝުރައިފް އިބްރާހިމް ރަޝީދުގެ އިތުރުން މެންބަރު މުހައްމަދު ތައުފީގު ހިމެނެ އެވެ. ތިން ބޭފުޅުން ވެސް ސަސްޕެންޑް ކުރީ ތިން މަސް ދުވަހަށް މުސާރަ ނުލިބޭ ގޮތަށެވެ. އެ ތިން ބޭފުޅުންނަކީ ވެސް އެމްޑީޕީގެ ބޭފުޅުންނެވެ.
އެލްޖީއޭ އިން ނެެރުނު ނޫސް ބަޔާނެއްގައި ވަނީ މީދޫ ކައުންސިލާ ގުޅޭގޮތުން އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ހިންގި އިންކުއަރީން، މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާފައިވާކަން އެނގިފައިވާ ކަމަށެވެ.
މީދޫ ކައުންސިލަރުންނާ ގުޅޭ ނުވަ މައްސަލައެއް އެލްޖީއޭއިން ދަނީ ބަަލަމުން ނެވެ. އޭގެ ތެރޭގައި ގަވައިދުން ހާޒިރު ނުވުމާއި، ބާއްވަން ޖެހޭ އާންމު ބައްދަލުވުންތައް ނުބޭއްވުމުގެ އިތުރުން ނުގަވައިދުން ބިން ދޫކުރުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ