އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުން މިރޭ ބޭއްވުމަށް ހަމަޖެހިފަިއވާކަމަށް، އިންތިޚާބުގެ ކެމްޕެއިން މެނޭޖާ ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެންޕެއިން ފެށުމަށް މިރޭ ބާއްވާ ޚާއްސަ ހަރަކާތާއި ގުޅޭގޮތުން ޕީޕީއެމް އޮފީހުގައި ވާހަކަ ދައްކަވަމުން ޑރ.ޚަލީލް ވިދާޅުވީ މިއީ ރާއްޖޭގައި އޮންލައިންކޮށް ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ހަރަކާތައް ވެގެންދާނެކަމަށެވެ.
މިރޭގެ އިވެންޓް 9 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ އެކި ރަށްތަކަށް ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ 12،00 އެއްހާ ކެންޑިޑޭޓުން މިރޭގެ ބައިވެރިވާނެކަމަށް ޑރ.ޚަލީލް ވިދާޅުވިއެވެ.
ހާލަތާއި ގުޅޭގޮތުން އަޅުގަނޑުމެން އޮންލައިންކޮށް އިވެންޓް ކުރިއަށް ގެންދާނީ. މި އިވެންޓުގައި 4 ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުން ވަހަކަ ދައްކަވާނެ. ޖުމްލަ 1200 އެއްހާ ކެންޑިޑޭޓުން މިރޭގެ އިވެންޓުގައި ބައިވެރިވާނެ. މިއީ ރާއްޖޭގައި އޮންލައިންކޮށް ބޭއްވޭ އެންމެ ބޮޑު އިވެންޓަކަށް ވެގެންދާނެ.
– ޑރ.ޚަލީލް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ޑރ.ޚަލީލް ވަނީ ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން އިދިކޮޅު ފަރަތްތަކުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. އެގޮތުން އަންނަ މަހުގެ 10 ވަނަދުވަހު އިންތިޚާބު ބާއްވާނެކަމަށް އިއުލާން ކޮށްފައިވާއިރު އަދިވެސް އިންތިޚާބު އޮންނާނެކަމުގެ ޔަގީންކަމެއް ދިވެހި ރައްޔިތުންނަށް ނުލިބޭކަމަށެވެ. އިންތިޚާބުގެ ބަޖެޓް ހަމަ ނުޖެހި، އިންތިޚާބަށް ބޭނުންވާ ވަސީލަތްތައް ނުލި އިލެކްޝަނުން ކަންބޮޑުވުން ފާޅުކުރާއިރު އިންތިޚާބު އޮވެދާނެކަމަށް މިހާރުވެސް ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދިފައިވާކަމަށެވެ.
ޚަލީލް ވިދާޅުވީ އިންތިޚާބުގައި ސަރުކާރުން އޮޅުވާލާނެކަމުގެ ފުރުސަތު އޮތްކަމަށް ބަލައިގެން މަސައްކަތް ކުރަމުންދާކަމަށާއި، ނަމަވެސް ކޮންމެ ހާލެއްގައި އިންތިޚާބު ބޭއްވިޔަސް މި އިންތިޚާބު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެކަމީ ޝައްކެއްތެ އޮތް ކަމެއް ނޫންކަމުގައި ޚަލީލް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ