ދިވެހި ރައްޔިތުންނަށް ހެޔޮ އެދިގެން މަސައްކަތް ކުރ ހަމައެކަނި ޕްލެޓް ފޯމަކީ ޕީޕީއެމް ޕީއެންސީކަމަށް އެކޯލިޝަން ހިނެގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިދުވަސް ވަރު ޚާއްސަކޮށް އިންތިޚާބު ތަކާއި ދިމާކޮށް ސިޔާސީ ގޮތުން ފައިދާތައް ނެގުމަށް ތަފާތުއެކި މަސައްކަތް ކުރައްވާ ބޭފުޅުން ފެންނާނެކަމަށެވެ. އަދި މީގެ ކުރިން ރައްޔިތުންނަށް ހެޔޮ އެދިގެން އެއްވެސް މަސައްކަތެއް ނުކުރައްވާ ބޭފުޅުން ކުއްލިއަކަށް ވަކި މަންފާއެއް ހާސިލް ކުރުމަށް ނިކުންނަވާ މަންޒަރު ފެންނާނެކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ޤައުމަށާއި، ވަތަނަށް އެންމެ އިހުލާސްތެރި ކޮންބައެއްކަން މިހާރު އެގޭނެކަމަށެވެ.
އަބްދުއްރަހީމް މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ނިމިދިޔަ ސަރުކާރުގައާއި، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅު އެކުވެގެން "އެންޑީއޭ" ނަމުގައި ޕްލެޓްފޯމެއް އުފައްދައި މަސައްކަތް ފަށާފައިވަނިކޮށެވެ. ނަމަވެސް އޭނާގެ ވާހަކާގައި އެއްވެސް ބައެއްގެ މަސައްކަތަށް އަދި ވަކި މީހެއްގެ މަސައްކަތަށް އިޝާރާތް ކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން ކަނޑައެޅިގެން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ވިއްކާލައި، ރައްޔިތުންނަށް ބޭއިންސާފުން އެތައް ކަމެއް ކުރަމުންދާއިރު، ރައްޔިތުންގެ ހައްގުގައި ބަހެއްވެސް ބުނެ ނުލައި، ވަކި މަންފާތަކެއް ހާސިލް ކުރުމަށް ނިކުންނަ މީހުންނާއިމެދު ރައްޔިތުން ފާރަވެރި ވާނެކަމަށެވެ. މިހާތަނަށްވެސް ޕީޕީއެމް ޕީއެންސީން ދިޔައީ ވަރަށް ފަރުވާތެރި ކަމަށާއި، ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންކަމަށާއި، އެ މަސައްކަތް ހުއްޓާލާނީ ރައްޔިތުންނަށް އިންސާފު ލިބުމުންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ