އިރާންގެ މަތިންދާ ބޯޓެއް ހައިޖެކް ކުރަން ކުރި މަސައްކަތެއް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް އިރާނުން ބުނެފިއެވެ.
އިރާނުން ބުނެފައިވަނީ، އެތެރޭގެ އުދުހުމުގައި ބޭނުންކުރާ މި ބޯޓު ހައިޖެކް ކޮށްގެން ބޯޓު ގެންދަން މަސައްކަތް ކޮށްފައިވަނީ، ކޮން ގައުމެއްކަން ނެގޭ އަރަބި ގައުމަކަށެވެ.
އިރާނު ސަރުކާރުގެ ހިއްސާ އޮންނަ ފާރސް ނޫސް އޭޖެންސީން އިރާނުގެ ސިވިލް އޭވިއޭޝަން އޯގަނިޒޭޝަންގެ ތަރުޖަމާން މުހައްމަދު ހަސަން ޒިބާޚްޝްއާއި ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިރާން އެއަރ ފްލައިޓް 344 ދަތުރު ކޮށްފައިވަނީ، އެގައުމުގެ ހުޅަގު ދެކުނުގެ ސިޓީއެއް ކަމުގައިވާ އަހުވާޒްއިން އިރުއުތުރުގެ ސިޓީއެއް ކަމުގައިވާ މަޝްހަދު އަށެވެ. އޭނާ މައުލޫމާތު ދީފައިވާ ގޮތުގައި، މި ބޯޓު މަތީގައި އުދުހެމުން ދަނިކޮށް، ބޮމެއް އޮތްކަމުގެ އިންޒާރުދީ އަދި ބޮންގޮއްވާލާނެ ކަމުގައި ބުނެ އިންޒާރު ދީފައިވަނީ، ބޯޓުން ދަތުރު ކުރަމުންދިޔަ ޕަސެންޖަރެކެވެ.
އަދި މިމީހާ ޑިމާންޑް ކޮށްފައިވަނީ، ޕާޝިއަން ގަލްފުގެ ދެކުނު ބިތުގައިވާ އަރަބި ގައުމަކަށް ދިއުމަށް ކަމަށްވެސް، ރަސްމީ ފަރާތްތަކާ ހަވާލާދީ ފާރސް ނޫސް އޭޖެންސީން ރިޕޯޓު ކޮށްފައި ވެއެވެ.
އެހެންނަމަވެސް، މި ބޯޓު ދުއްވަމުންދިޔަ ޕައިލެޓް އެމަޖެންސީކޮށް، އިރާނުގެ މެދުތެރޭގައި އޮންނަ ސިޓީއެއްކަމުގައިވާ އިފްޝާންއަށް ޖައްސާފައިވާ ކަމަށް އިރާނުން ބުނެފައި ވެއެވެ. އަދި މިހާރު، ބޯޓު ހައިޖެކް ކުރަން މަސައްކަތް ކުރި މީހާ ވަނީ ހައްޔަރު ކުރެވިފައެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
އީރާނަކީ އަވައްޓެރި ގައުމުތަކާ އެކީ ނުތަނަވަސް ގުޅުންތަކެއް އޮންނަ ގައުމެކެވެ. މީގެތެރޭގައި، ވާދަވެރި ސައުދީ އަރަބިއާވެސް ހިމެނެއެވެ. 2018 ވަނަ އަހަރު އިރާނުންވަނީ، އެގައުމުގެ ވަކިވެގަތުމަށް މަސައްކަތް ކުރާ ހަގުރާމަވެރިން، އަހްވާޒް ސިޓީގައި އޮތް މިލިޓަރީ ޕެރޭޑަކަށް ދިން ހަމަލާގެ ފަހަތުގައި "އަރަބި ބައެއް ގައުމުތައް" ތިބި ކަމަށް ތުހުމަތު ކޮށްފައެވެ.