ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމާއި، ފަނޑިޔާރުކަން ކުރުމުން؛ އިސްލާމިކް ޝަރީޢާ ކިޔަވާ ފަރާތްތައް އެއްކިބާކޮށް، ޝަރުޢީ ނިޒާމުން ދީނީ ޢިލްމު އުގެނިވަޑައިގެން ތިއްބަވާ ހުރިހާ ޢިލްމުވެރިން ދުރުކުރުމަށް ކުރަމުންދާ މަސައްކަތަކީ މާކުރިން ރޭވިގެން ހިންގާ ލާދީނީ އެޖެންޑާއެއް ކަމުގައި ޖަމްޢިއްޔަތުއްސަލަފުން ބުނެފިއެވެ.
މަދީނާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިގުރީ ޙާޞިލުކުރާ ފަރާތްތަކަށް ޤާނޫނީ ވަކީލުކަމުގެ ހުއްދަ ނުދިނުމަށް ބާ ކައުންސިލުން ނިންމި ނިންމުމާ ދެކޮޅަށް ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ޖަމްއިއްޔާއެއް ކަމުގައިވާ ސަލަފް ޖަމްއިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެގައި ދާދި މިދާކަށް ދުވަހު ބާ ކައުންސިލެއް އުފައްދައި އަދި އެކަމަށް ޚާއްޞަ ޤާނޫނީ ފަންނުވެރިކަމުގެ ބިލެއް ރައްޔިތުންގެ މަޖްލީހުން ފާސްކޮށްފައިވާ އިރު، މިއަދު ދިވެހިރާއްޖޭގެ ކޯޓުތަކުގައި މިވަނީ ހަމަ އެކަނި އިސްލާމިކް ލޯ ނުވަތަ ޝަރީޢާ ކިޔަވާފައިވާ ޢިލްމުވެރިން ބާކީކޮށްލުމުގެ މަކަރުވެރި ސިލްސިލާ ތަންފީޒު ކުރަން ފަށާފައިކަމަށެވެ.
މި ޢަމަލަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުން ދީނީ ޢިލްމު އުގެނިވަޑައިގެން ތިއްބަވާ ހުރިހާ ޢިލްމުވެރިން ދުރުކޮށް ފޭކުރުމަށް މާކުރިން ރޭވިގެން ހިންގާ ލާދީނީ އެޖެންޑާގެ ކުޑަ މިންވަރެއް ކަމަށް މިޖަމްޢިއްޔާއިން ޔަޤީންކޮށްދެން. އަދި މިކަމާއި މެދު އެންމެހައި ދިވެހި ރައްޔިތުން ސަމާލުވެ ހޭއެރުމަށް ގޮވާލައި، އެކަން ތިޔަ ލޮބުވެތި މުސްލިމު މުވާޠިނުންގެ ސަމާލުކަމަށް ގެންނަން.
އިސްލާމްދީނުގެ މަތިވެރި ނޫރުގެ އަލިކަމުން ދިވެހިންނަށް ދީނަކާއި ތާރީޚަކާއި ޘަޤާފަތަކާއި ބަހެއް ލިބިދިން ދުވަހުން ފެށިގެން ދާދި މިދާކަށް ދުވަހާއި ޖެހެންދެން ދިވެހިރާއްޖޭގެ ފަނޑިޔާރުކަމާއި ކޯޓުތަކުގައި މުޅިންހެން ތިއްބެވީ ހަމައެކަނި އިސްލާމީ ޝަރީޢާ އުނގެނިވަޑައިގެން ތިބި ޢިލްމުވެރިންކަމީ ފެންނަށް އޮތް ޙަޤީޤަތްކަމަށް ބަޔާނުގައިވެ އެވެ.
މިބަޔާނުގައިވަނީ ދުނިޔޭގެ އިސްލާމީ ބައެއް ޤައުމުތަކުގައިވެސް އިސްލާމިކް ޝަރީޢާ ކިޔަވާ ފަރާތްތައް އެއްކިބާކޮށް، ޝަރުޢީ ނިޒާމުން ދީނީ ޢިލްމު އުގެނިވަޑައިގެން ތިއްބަވާ ބޭފުޅުން އެއްކައިރިކޮށް އަމަލުކޮށްފައިވާ ގޮތްތަކުގެ މިސާލުވެސް ގެނެސްދެއްވާފަ އެވެ. އެގޮތުން ފާއިތުވެގެން ދިޔަ ޤަރުނުގައި އިސްލާމީ ޢަރަބި ޤައުމެއްކަމަށްވާ މިޞްރުން ވެސް ޝަރުޢީ ކޯޓުތައް އުވާލާ ޝަރުޢީ ދާއިރާއިން މުސްލިމް ޢިލްމުވެރިން އެކަހެރި ކުރުމަށް އޭރު އެ ޤައުމުގައި އޮތް އިނގިރޭސިވިލާތުގެ ގޮނޑިކޮއްކޮ ސަރުކާރުން ކަންތައްކުރި ގޮތަށްކަމަށެވެ. އަދި މަޝްހޫރު ޖާމިޢުލްއަޒްހަރުން ކިޔަވައިގެން ނިކުމެވަޑައިގަންވާ ޢިލްމުވެރިންނަށް މަޤާމުތަކަށް ނާދެވޭ ގޮތް ހަދައި، ވިލާތާއި އެނޫން ކަރަކަރައިން ކާފިރުންގެ އުނގުން އެދުރުވެގެން އަންނަ ފަރާތްތަކަށް ދަޢުލަތުގެ މަތީ މަޤާމުތަކާއި ޝަރުޢީ ދާއިރާއަށް ވަނުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ނަތީޖާ ޤާހިރާއިންނާއި އިސްކަންދަރިއްޔާއިން މިއަދު ހަމަލޮލަށް ދިމާލަށް ފެންނަން ހުރިކަމަށެވެ.
ކުރިއަށް މިދާ ފިކުރީ ހަނގުރާމަގައި، އެބައިމީހުން އެދަނީ މުސްލިމް ޤައުމުތަކުގައި ފަހަރަކު ހަރުފަތެއް ގިރާކުރަމުންނެވެ. މާޒީގައި ކަނޑިއާއި ބަނޑި ބޭނުންކޮށްގެންނެވެ. މިއަދު އެމީހުން ތަރުބިއްޔަތުކޮށްފައިވާ އޭޖެންޓުންނާއި، ގޮނޑިކޮއްކޮ ސަރުކާރުތަކާއި، މުސްލިމުންގެ ތެރޭގައި ތިބެ ދީނާއި ޤައުމަށް ޣައްދާރުވާ، މިނިވަންކަމުގެ އަގުވަޒަން ކުރަން ނުދަންނަ، މަދު ބަޔަކު މެދުވެރިކޮށެވެ. މި ހަނގުރާމައިގެ ވިލާގަނޑުގެ ދަށުން އަޅުގަނޑުމެންގެ މި ލޮބުވެތި ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖެ ވެސް އިސްތިސްނާ ނުވާހިނދު، މިއަދު އިވެމުން މިދަނީ ނުހަނު ބިރުވެރި އަޑެއް.
ސަލަފުންވަނީ ބާކައުންސިލުގެ މިއަމަލު މިހާރުން މިހާރަށް ހުއްޓުވައި ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމާއި، ފަނޑިޔާރުކަން ކުރުމުން؛ އިސްލާމިކް ޝަރީޢާ ކިޔަވާ ފަރާތްތަކަށް ދިނުމަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ