ޗައިނާ ފަތުރުވެރިން ގެނައުމަށް ސަރުކާރުން މަސައްކަތް ފަށަންޖެހޭ: ޝަރީފް

ޗައިނާ ފަތުރުވެރިން ގެނައުމަށް ސަރުކާރުން މަސައްކަތް ފަށަންޖެހޭ: ޝަރީފް

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2020 08:32
0

ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށައި ރަށްރަށުގެ ގެސްޓުހައުސްތައް ހުޅުވާލާފައިވާއިރު، ޗައިނާގެ ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ސަފީރާއިއެކު ރާއްޖޭގެ މާލީ ވަޒީރާއި، ޚާރިޖީ ވަޒީރު ބޭއްވި ބައްދަލުމަށް އިޝާރާތްކޮށް ޝަރީފް ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެބޮޑު ހިއްސާއެއް އޮތް ޤައުމަށްވާއިރު ޗައިނާގެ ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަންޖެހޭކަމަށެވެ. ޗައިނާއިން ދަތުރުކުރާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނައި ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ސަރުކާރުން ޗައިނާއާއި ވާހަ ދައްކަންޖެހޭކަމަށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

ޗައިނާއާއިއެކު މަޝްވަރާ ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެއް. ޗައިނާގެ ޓުވަރިޒަމް އަލުން ދަތުރުތައް ފަށާއިރު ޗައިނާ ޓުވަރިސްޓުން އަނާނެ ޤައުމުތަކުގެތެރޭ ރާއްޖެ ހިމެނުމަށް ސަރުކާރުން މަސައްކަތް ކުރުން ވަރަށް މުހިންމު. ޗައިނާ ޓުވަރިސްޓުން އަލުން ދަތުރު ފަށާއިރު ރާއްޖެއަށް ގެނެވޭނެ ގޮތެއް ހޯދުމަށް ޗައިނާއާއިއެކު މަޝްވަރާ ކުރަންޖެހޭ. ރާއްޖޭގެ އެންމެބޮޑު ސޯސް މާކެޓަކީ ޗައިނާ.

– އިބްރާހިމް ޝަރީފް

ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި ޗައިނާ ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިއްބެވިކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވަނީ ވިދާޅުވެފަ އެވެ.

ޗައިނާގެ ސަފީރާއި، ޗައިނާގެ ގިނަ އޮފިޝަލުން ތަކަކާއިއެކު ރާއްޖޭގެ ޚާރިޖީވަޒީރާއި މާލީވަޒީރު ބައިވެރިވެ ވަޑައިގެން މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުމަށްފަހު ސަފީރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. މިބައްދަލުވުމުގައި ރާއްޖޭގެ ސަރުކާރުން ބޭނުންވާ ކޮންމެ އެހީތެރިކަމެއް ދިނުމަށް ތައްޔާރަށް ތިބިކަމަށް ސަފީރުވަނީ ވިދާޅުވެފަ އެވެ.

މިބައްދަލުވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19 އަށްފަހު އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ޗައިނާއާއެކު އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.