ރާއްޖޭގެ 44 ސްކޫލެއްގައި 22 އަތްދޮންނަ ސްޓޭޝަންތަކެއް ޤާއިމްކޮށްފިއެވެ.
މިތަންތަން ސްކޫލްތަކުގައި ޤާއިމްކޮށްފައިވަނީ ޔުނިސެފްގެ އެހީތެރިކަމާއެކު އެވެ. ބައިނަލްއަޤްވާމީ ގޮތުން ފާހަނގަކުރާ އަތްދޮންނަ ދުވަހުގެ މުނާސަބަތުގައި ވާރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި ޔުނިސެފުން ޤާއިމްކޮށްދިން އަތްދޮންނަ ސްޓޭޝަންތައް އެޑިއުކޭޝަން މިނިސްޓްރީއާ ވަނީ ހަވާލުކޮށްފަ އެވެ. އެސްޓޭޝަންތައް ބޭނުންކުރުން ފަށްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ އާއި ނިސެފުން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު މުޙައްމަދު އަލްމުނީރު އެވެ. މިރަސްމިއްޔާތުގައި ޔުނިސެފްގެ ފަރާތުން ވަނީ ޑިސްއިންފެކްޓް ސާމާނުވެސް އެޑިއުކޭޝަން މިނިސްޓްރީއާއި ހަވާލުކޮށްފައެވެ. އަދި ސްކޫލް ކުދިންގެ މެދުގައި އަތް ދޮވުމަށް ހޭލުންތެރިކުރުމަށް ޚާއްޞާ ދެ ޕޯސްޓަރެއްވެސް މިރަސްމިއްޔާތުގައި އިފްތިތާޙުކުރި އެވެ.
ޔުނިސެފްގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށާއި، ރާއްޖެއަށް ކޯވިޑް-19އާއި ގުޅިގެން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަތްދޮވުމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަހެވެ. މި ދުވަސް ދުނިިޔޭގެ ފެންވަރުގައި ފާހަގަކުރަން ފަށާފައިވަނީ 2008 ވަނަ އަހަރުން ފެށިގެން ނެވެ. ބައިނަލްއަޤްވާމީ އަތް ދޮވުމުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ"ސާފު އަތްތައް، ފުރާނަ ސަލާމަތްކޮށްދޭ" އެވެ. މިއީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށާއި، ސާފުތާޙިރު ދިރިއުޅުމަކަށް މަގުފަހިކުރުމަށް އަތްދޮވުމަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްގެންދާ ޚާއްސަ ކެމްޕޭނެކެވެ.
ކޯވީޑް-19އާއި ގުޅިގެން ސާފުތާހިރުކަން އިސްކުރުމަށާއި، ގިނަގިނައިން އަތްދޮވުމަށް ސިއްޙީ ޚިދުމަތްތެރިން އަންނަނީ ބާރުއަޅަމުންނެވެ. އަދި ގޭތެރެއާއި ޢާންމުން ދިރިއުޅޭ ތަންތަންވެސް ސާފުކުރުމަށް އަންނަނީ ބާރުއަޅަމުންނެވެ.
ކޮމެންޓު ފޮނުވާ