ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނާއިބުގެ މުސާރަ ކުޑަކުރި މައްސަލަ ބާތިލުކުރުމަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ކޯވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، އެމަނިކުފާނުގެ ނާއިބާއި، ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި، ފަނޑިޔާރުންނާއި މިިނިވަން މުއައްސަސާތަކުގެ ވެރިިންގެ މުސާރަތައް ތިން މަހަށް ކުޑަކުރަން މަޖިލީހުން ފާސްކޮށްފައިވަނީ މެއި މަހުގެ ތެރޭގައެވެ. އެއިޞްލާހު މަޖިލީހުން ގެނެސްފައިވަނީ ރައީސް އާއި ނާއިބުރައީސްގެ މުސާރަ ކަނޑައަޅާފައިވާ ޤާނޫނު އިޞްލާޙު ނުކޮށްކަމަށްވަތީ އެއީ ޤާނޫނާއި ޚިލާފުކަމެއްކަމަށް ބުނެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުޙައްމަދު ޙަލީމްއެވެ.
މިމައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުން ވަނީ ޙަލީމާއި ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ. އެގޮތުން މިމައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށައެޅުއްވި ސަބަބު ބަޔާންކުރުމަށް ފަނޑިޔާރުން ވަނީ އެދިވަޑައިގެންފައެވެ.
މުސާރަ ކުޑަކުރުމުން އެކަމުން ސީދާ ގެއްލުންވި އެއްވެސް ފަރާތަކާއި ނުވަތަ މައްސަލަ ހުށައެޅުއްވި ހަލީމް ހިމެނިވަޑައިގަންނަވާ ދައިރާގެ މަޖިލީހުގެ މެމްބަރާއި އެއްވެސް ސުވާލެއްކޮށް ކަންކަން އޮޅުފިލުއްވިންތޯ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނު ސުވާލުކު ކުރެއްވުމުން އެއްވެސް މީހަކާއި އެވާހަކަ ދައްކާފައިނުވާކަމަށެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ސުޕްރީމްކޯޓަށް ހުށައެޅުއްވި ސަބަބާ ގުޅޭގޮތުން ފަނޑިޔާރުން ސުވާލު ދެންނެވުމުން ހަލީމް ވިދާޅުވީ އެއީ ޤާނޫނާއި ހިލާފަށް މަޖިލީހުން ކަންކަން ކުރަން ފުރުސަތު ނުދެއްވުމަށްކަމަށް ހުށައެޅުއްވި މައްސަލައެއްކަމަށެވެ. އަދި އަދި ޤައުމު އާއްމު މަސްލަހަތު ހިމާޔަތްކުރުމަށް ހާއްސަ މުވައްސަސާތައް ހުންނައިރު އެ މުވައްސަސާތަކަށް އަންނަ ކޮންމެ ލޮޅުމެއް ޤައުމުގެ ހަމަޖެހުމަށް އަންނާނެކަމަށާއި މުސާރަތައް ކުޑަކުރުމުން އެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ނޭދެެވޭ ކަންކަން ކުރާކަމުގެ ތުހުމަތުތައް ކުރެވެމުން އަންނަކަމަށް ހަލީމް ވިދާޅުވިއެވެ.
މިމައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާއިރު ދެން އޮންނާނީ މައްސަލާގައި ޙުކުމް އިއްވުމެވެ.
މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑާއިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ އިތުރުން ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، އަދި ފަނޑިޔާރު މުޙައްމަދު އިބްރާހީމްއެވެ.
ކޮމެންޓު ފޮނުވާ