Ad
ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓުވާފައިވުމަކީ ރައްޔިތުންނަށްދޭ އަނިޔާއެއް: ޝިޔާމް

ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓުވާފައިވުމަކީ ރައްޔިތުންނަށްދޭ އަނިޔާއެއް: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2020 01:53
0

ޅ.ނައިފަރުގެ ފެނާ ނަރުދަމާގެ މަސައްކަތުގެ %85 މަސައްކަތް ނިމިފައިވަނިކޮށް މަސައްކަތް މިސަރުކާރުން ހުއްޓުވައި އިތުރަށް މަސައްކަތް ކުރިއަށްދާނެ އެއްވެސް ގޮތެއް ހާމަކޮށްފައި ނުވުމަކީ ނައިފަރު ރައްޔިތުންނަށްދޭ ވަރަށްބޮޑު އަނިޔާއެއް ކަމުގައި އެދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ނައިފަރުގެ ފެނާއި، ނަރުދަމާގެ ހާލަތާއި ގުޅޭގޮތުން އެދާއިރާގެ ރައްޔިތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއި ގުޅިގެން ޝިޔާމް ވިދާޅުވީ މިމަސައްކަތް ފެއްޓުމަށްޓަކައި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާއި އެކި ފަހަރުމަތީން ވާހަދެކެވި ތާރީހުތަކެއްވެސް ދެއްވި ކަމަށެވެ. 2 ފަހަރެއްގެ މަތީން ތާރީޙް ދިނުމަށް ފަހުގައިވެސް އެއްވެސް މަސައްކަތެއް ކުރެވިގެންދާތަން ނުފެންނަކަމަށެވެ.

ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ސަރުކާރުން ހުއްޓުވީ މަސައްކަތުގެ%85 މިނިފައި ވަނިކޮށް. އިތުރު އެއްވެސް ގޮތެއް ނުހޯދައި 23 ޖެނުއަރީ2020 ގައި. 2 ފަހަރެއްގެ މަތީން މަސައްކަތް ފަށަން ތާރީހުދީފި. މިއީ ނަފަރު ރައްޔިތުންނަށްދޭ ވަރަށްބޮޑު އަނިޔާއެއް.

– އަހުމަދު ޝިޔާމް

ޅ.ނައިފަރުގެ ފެނާ ނަރުދަމާގެ މަޝްރޫޢާއި ގުޅޭގޮތުން މިއަހަރުގެ ޖުލައިމަހު ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ ނައިފަރުގެ ފެނާ ނަރުދަމާގެ މަސައްކަތް ލަސްވަމުންދާތީ 3 ފަހަރެއްގެ މަތިން އިތުރަށް ވަގުތު ދީފައިވާކަމަށެވެ. އެގޮތުން ކޮންޓްރެކްޓް ކުރި މުއްދަތަށްވުރެ އިތުރަށް 279 ދުވަސް ދީފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މަސައްކަތް ލަސްވަމުންދާތީ ރަސްމީކޮށް 22 ފަހަރެއްގެ މަތިން ލިޔެކިޔުން މެދުވެރިކޮށްނާއި، އެކި ބައްދަލުވުންތަކުގައި އެކަމުގެ ކަންބޮޑުވުން ސަރުކާރުން ފާޅުކޮށްފައިވާކަން މިނިސްޓަރ އަސްލަމްވަނީ ފާހަގަކުރައްވާފައެވެ. އަދި އެކުންފުންޏާއެކު ހެދި އެއްބަސްވުން އުވާލިއިރު ނިމިފައިވަނީ މަސައްކަތުގެ 78 އިންސައްތަ ކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ. އެހެންކަމުން ބާކީ ހުރި މަސައްކަތްތައް ނިންމުމަށް މިހާރު ސަރުކާރު ހިއްސާވާ ކުންފުނި އެމްޑަބްލިއުއެސްސީއާއި ޙަވާލުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އަސްލަމް ވަނީ އެދުވަހު ވިދާޅުވެފަ އެވެ.

ޅ.ނައިފަރުގައި ފެނާއި ނަރުދަމާގެ މަސައްކަތްކުރުމަށް ބަޔަކު ހޯދުމަށް ޢިއުލާންކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. މިމަޝްރޫޢުގެ މަސައްކަތް ކުރުމަށް ބަޔަކާ ޙަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫންމަހުއެވެ. މިމަޝްރޫޢުގެ ދަށުން ނައިފަރުގައި ނަރުދަމާ ވިޔުގަ ޤާއިމުކުރުމާއި، ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓް ޤާއިމުކުރުމާއި އަދި ފެނުގެ ވިޔުގަ އެޅުމާއި، ސްޓޯރޭޖް ޓޭންކް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް އޭރުވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.