ކެނޑިޑޭޓުން ކެމްޕެއިނަށް ދަތުރުކުރުމުގެ ހުއްދަ ދިނުމުގައި އެޗްޕީއޭއިން ތަފާތުކުރޭ: އީސީ

ކެނޑިޑޭޓުން ކެމްޕެއިނަށް ދަތުރުކުރުމުގެ ހުއްދަ ދިނުމުގައި އެޗްޕީއޭއިން ތަފާތުކުރޭ: އީސީ

Author
މުޙައްމަދު ޖިމީ
28 ފެބްރުއަރީ 2021 12:52
0

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓިތަކުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ކެމްޕެއިންކުރުމަށް ހަމަހަމަ ފުރުޞަތު ނެތްކަމަށް އިލެކްޝަންސް ކޮމިޝަނަށް ޤަބޫލުކުރެވޭކަމަށް ވިދާޅުވެ އެފަދަ މާހައުލެއް ޤާއިމްކޮށްދިނުމަށް އެ ކޮމިޝަނުން އެޗްޕީއޭގައި ދަންނަވައިފިއެވެ.

އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުަމށް ހަމަހަމަ ފުރުޞަތު ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާ އެ ކޮމިޝަނުން ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ސިޓީއެއް ފޮނުއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅިގެން ޤާއިމުކޮށްފައިވާ ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން ކުރެވުނު ތަޙްޤީޤުގައި، ކޯވިޑް 19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ދަތުރުފަތުރު ކުރުމުގެ ހުއްދަދިނުމުގައި ތަފާތު ކުރުންތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.

އިލެކްޝަންސްގެ ސިޓީގައި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ދަށުން އިންތިޚާބަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގެ ޙައްޤު ލިބިފައިވީނަމަވެސް، އިންތިޚާބަށް ތާއީދު ހޯދުމަށް ދަތުރުފަރުތު ކުރުމަށް ހުއްދަލިބުމުގައި އިދިކޮޅު ފަރާތްތަކަށް ދަތިތަކެއް ހުރިކަމަށް އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށާއި، ސަރުކާރުގެ އިސްވެރިންނާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ވެރިން، ރަސްމީ ދަތުރުތަކުގައި ރަށްރަށަށްގޮސް، އިންތިޚާބަށް ކުރިމަތިލާފައިވާ ބައެއް ފަރާތްތަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރާކަންވެސް އެކޮމިޝަނުން ފާހަގަކުރެވިފައިވެއެވެ.

އިންތިޚާބުތަކާއިބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވަނީ އިންތިޚާބެއްގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް، އެމީހުން އިންތިޚާބަށް ކުރިމަތިލާފައިވާ އިންތިޚާބީ ދާއިރާގެ މީހުންގެ ތާއީދު ހޯދުމުގެ މަސައްކަތްކުރުމުގެ ޙައްޤު ލިބިގެންވެއެވެ.

އެހެންކަމުން ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރާ ހުރިހާ ސިޔާސީ ޕާޓީތަކާއި، ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް
ކެމްޕެއިން ކުރުމުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޚާއްޞަ އުސޫލެއް އެކުލަވާލުމަށާއި، ހުރިހާ ކެންޑިޑޭޓުންނަށާއި، ހުރިހާ ޕާޓީތަކަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިޚާބު ބޭއްވުމަށްޓަކައި ހަމަހަމަ ފުރުސަތު ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގަންނަވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފޮނުއްވި ސިޓީގައި ވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓިތަކުގެ އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި ޖުމްލަ 3،934 ކެނޑިޑޭޓުން ވާދަކުރާނެއެވެ.

ކެމްޕެއިނަށް ދަތުރުކުރުމަށް އެޗްޕީއޭއިން ތަފާތުކުރާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު، އިދިކޮޅުން އެވާހަކަ އަންނަނީ ތަކުރާރުކޮށް ދައްކަމުންނެވެ. އަދި އެ މައްސަލަ ކޯޓަށް ހުށައަޅާނެކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.