މިއަހަރުގެ ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ސިޔާސީ ޕާޓިތަކަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާ ފިނޭންސްއަށް އެފައިސާ ދިނުމަށް ފޮނުވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް އެ ކޮމިޝަންގެ އިއްޔެގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ. އެގޮތުން ނަވާވީސް މިލިއަން ތިންލައްކަ އެއްހާސް އަށްޑިހަ ތިން ރުފިޔާ މިއަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދިނުމަށް ނިންމާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، މިފަހަރުވެސް ފައިސާ ދޫކުރުމަށް އެ ކޮމިޝަނުން ނިންމާފައިވަނީ ތިން ސިޔާސީ ޕާޓިއަކަށްކަމަށެވެ. އެއީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ކަމަށެވެ. މިދޔަ އަހަރުވެސް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރީއ ެ ތިން ސިޔާސީ ޕާޓިއަށް އެކަންނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 10 ސިޔާސީ ޕާޓިއެއް އޮވެއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވަނީ ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ވާނީ 10 ހާސް މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނިކަމަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާއިރު، 10،000 މެންބަރުން ހަމަވަނީ 3 ޕާޓީއެއްގައެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ (އެމްޑީޕީ)އާއި، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޖުމްހޫރީ ޕާޓީއެވެ.
އެ ޤާނޫނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާއަކީ ދައުލަތުގެ އަހަރީ ބަޖެޓްގެ 1.0 އިންސައްތައާއި %0.2 އިންސައްތައާ ދެމެދުގެ ޢަދަދަކަށް ވާންޖެހޭނެކަމަށެވެ.
ކޮމެންޓު ފޮނުވާ