ރައްޔިތުންގެ މަޖިލީހުގެ އަމާޒަކީ ރައްޔިތުންގެގެ އުންމީދުތަކާއި ބޭނުންތައް ހާސިލްކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހާއި މޯލްޑިވްސް ތެލަސީމިޔާ ސޮސައިޓީ ގުޅިގެން ދިވެހިރާއްޖޭގައި ތެލަސީމިޔާ ކެއަރގެ ޙާލަތު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ މުޖުތަމައުގައިހުރި އިޖުތިމާއީ ގޮތުން ގޮންޖެހުން ބޮޑު ކަންތައްތަކަށް ހައްލު ގެނައުމަކީ މަޖިލީހުން އަމާޒު ހިފާފައިވާކަމެއްކަމަށެވެ. ޚާއްސަކޮށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މަސައްކަތް ކުރާނީ އެކަންކަން ހާސިލް ކުރުމަށް ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.

ތެލަސީމިއާ ކުދިންގެ އާއިލާތަކަށް ކުރާ އަސަރާއި އެ އާއިލާތަކުގެ ވޭނަކީ އެހެންމީހުންނަށް އިޙުސާސް ކުރެވޭނެ ކަމެއް ނޫންކަމަށާއި، އެއީ އަހަރަމެންނަށް ހަމައެކަނި ދުރުން ފެންނަ މަންޒަރެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ބައްދަލުވާ ކޮންމެ މީހަކު އެތައް ޝަކުވާތަކެއް އުފުލާކަމަށާއި، އެއީ އެކަން ހިންގަންޖެހޭ ނިޒާމުކަމަށެވެ.
އެގޮތުން ތެލަސީމިއާ ކުދިންގެ ޚާލަތަށް ބަލާއިރުވެސް ލޭ ލިބުމުގެ ދަތިތަކާއި، އިމާރާތާއި އިންސާނީ ވަސީލަތުގެ ދަތިކަމުގެ ޝަކުވާވެސް ލިބިފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ތެލަސީމިއާ ކުދިންނާއި، އަދި އެހެނިހެންވެސް އިޖުތިމާޢީ މަސައްލަތައް ޙައްލުކުރުމަށް މަޖިލީހުގެ ތެރެއިން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށެވެ.
ތެލަސީމިއާ ބަލި ހުންނަ ކޮންމެ ކުއްޖަކަށް ދައުލަތުގެ ބަޖެޓުން މަހަކު 12000 އަށްވުރެ ގިނަ ރުފިޔާ ހޭދަކުރާކަމަށް މޯލްޑިވިއަން ބުލަޑް ސަރވިސަސްއިން ވަނީ ބުނެފައެވެ. އަދި މިހާރު އެސެންޓަރަށް ދިމާވެފައިވާ އެންމެބޮޑު ދައްޗަކީ ލޭހޯދުމާއި، ވަސީލަތުގެ ގޮތުން ހުރި ދަތިތައްކަމަށް މީގެ ކުރިން އެތައް ފޯރަމެއްގައި އެސެންޓަރުން ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓު ފޮނުވާ