ފުލުހުންގެ ޢަމަލުތައް ޤާނޫނާ ޚިލާފްކަމަށާއި، ޖަވާބުދާރީވާންޖެހޭ ވަގުތު އަންނާނެކަމަށް ކުރީގެ ނާއިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރ ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅުން އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާއަށް ފުލުހުން ހުރަސްއަޅާ ގިނަ ޢަދަދެއްގެ މީހުން ހައްޔަރުކުރިއެވެ. އޭގެތެރޭގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑާޝިޕްގެ އިސް ފަރާތްތައްވެސް ހިމެނެއެވެ. އޭގެތެރޭގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ނާއިބު ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ)އާއި، ޕީޕީއެމްގެ ނާއިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއާއި، ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް މުޙައްމަދު ޣައްސާން މައުމޫނާއި އެނޫންވެސް ގިނަ ޢަދަދެއްގެ ބަޔަކު ހިމެނެއެވެ.
އެކަމާއި ގުޅިގެން ކުރީގެ ނާއިބު ރައީސް ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ އިޙްތިޖާޖުން ހައްޔަރުކުރެވުނު އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރާއި، މަޖިލިސް މެމްބަރުން އަދި ހުރިހާ ޒުވާނުން ވަގުތުން ދޫކޮށްލުމަށާއި، އަނިޔާކުރުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. ޖަމީލް ވިދާޅުވީ، ފުލުހުންގެ ޢަމަލުތައް ޤާނޫނާ ޚިލާފްކަމަށާއި، ޖަވާބުދާރީވާންޖެހޭ ވަގުތު އަންނާނެކަން ޔަޤީންކަމަށެވެ.
މިއަދުގެ އިޙްތިޖާޖުން ހައްޔަރުކުރެވުނު ވަގުތީ ލީޑަރާއި މަޖިލިސް މެމްބަރުން އަދި އެންމެހާ ޒުވާނުން ވަގުތުން ދޫކޮށްލަން ގޮވާލަން. އަނިޔާކުރުން ހުއްޓާލާ. ފުލުހުންގެ ޢަމަލުތައް ޤާނޫނާ ޚިލާފް. ޖަވާބުދާރީވާންޖެހޭ ވަގުތު އަންނާނެކަން ޔަޤީން. pic.twitter.com/CK72y4vUbY
— Mohamed Jameel Ahmed (@MJameelAhmed) February 26, 2021
އިދިކޮޅުން އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާ ފެށުމުގެ ކުރިންވެސް ގިނަ ޢަދަދެއްގެ ބަޔަކު ފުލުހުން ހައްޔަރުކުރިއެވެ. އަދި ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ފުލުހުން ވަނީ އެ އޮފީހަށް މީހުން ވަދެ ނުނިކުމެވޭގޮތަށް ބަންދުކޮށްފައެވެ. ނަމަވެސް ފުލުހުންގެ ހުރަސްއެޅުމާ އެކުވެސް ގިނަ ޢަދަދެއްގެ މީހުން މުޒާހަރާގައި ބައިވެރިވިއެވެ. އަދި ވަރަށް ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާތައްވެސް ލިބިފައިވެއެވެ.
އިދިކޮޅުގެ ސިލްސިލާ މުޒާހަރާތަކަކީ ކުރީ ސަރުކާރުން ތަރައްޤީކުރި ފްލެޓްތައް މިސަރުކާރުން ބޭޏުންވާ ފަރާތްތަޖަށް ދީ، ބައެއް ކެޓަގަރީތަކުގެ ފޯމްތައް ބާޠިލްކޮށް ފްލެޓް ނުދިނުމަށް ނިންމުމުން "ކޮބާ މަގޭ ފްލެޓް" ނަމުގައި ކުރިއަށްގެންދާ މުޒާހަރާތަކެކެވެ.
ކޮމެންޓު ފޮނުވާ