ރާއްޖޭގައި ކޯވިޑް-19 އިން ދިފާއުވުމަށް ދެމުން އަންނަ ވެކްސިން ޖެހި މީހުންގެ ޢަދަދު 99،000 އިން މައްޗަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ވެކްސިންޖެހާފައިވަނީ 1،108 މީހަކަށެވެ. މި އެންމެންނަކީވެސް އަތޮޅުތަކުގެ ރަށްރަށުން ވެކްސިން ޖެހި މީހުންނެވެ. މިއަދު މާލެ ސަރަހައްދުގައި ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ނުދައްކައެވެ.
މިހާތަނަށް މާލެ ސަރަޙައްދުގައި ވެކްސިންޖަހާފައިވަނީ 69،725 މީހަކަށެވެ. އަދި އަތޮޅުތަކުން ވެކްސިން ޖެހު މީހުންގެ އަދަދުވަނީ 29،694އަށް އަރާފައެވެ. އެހެންކަމުން ރާއްޖޭގައި މިހާތަނަށް ޖުމްލަ 99،419 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.
*️⃣ COVID-19 : Vaccination updates pic.twitter.com/FJsmyiiM8v
— Health Protection Agency (@HPA_MV) February 26, 2021
މާލޭގެ 10 ސެންޓަރަކުންދަނީ ވެކްސިން ދިނުމުގެ ޚިދުމަތްދެމުންނެވެ. އަދި އަތޮޅުތަކުގެ 69 ސެންޓަރެއްގައި ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ދީފައިވެއެވެ. ރާއްޖޭގައި ކޯވިޑުން ދިފާއުވުމަށް ދެމުން އަންނަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި، އޮކްސްފޯޑާ އެސްޓްރްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިންއެވެ. މިހާތަނަށް މީގެ 200،000 ޑޯޒް ވެކްސިން އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔަކޮށްފައެވެ. މީގެ އިތުރުން ޗައިނާއިން100،000 ވެކްސިން ޑޯޒް ހަދިޔާކޮށްފައިވާއިރު، ހެޔޮއެދޭ އަމިއްލަ ފަރާތަކުންވެސް 5000 ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ