ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ދީފައިވާ ބާރުތަކުގެ ފައިދާ ރައްޔިތުންނަށް ކުރާނީ އެންމެ ޤާބިލް މީހުން ކައުންސިލްތަކަށް އިންތިޚާބުކުރެވިގެންކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ ފާޠިމަތު އަފްޝަން ލަޠީފް ވިދަޅުވެއްޖެއެވެ.
ލާމަރުކަޒީ ދުވަހުގެ މުނާޞަބަތުގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަޠީފް ދެއްވި ޚިޠާބުގައި ވަނީ ފުރަތަމަ ފަހަރަށް އިންތިޚާބުވި ކައުންސިލްތައް ހުވާކުރިތާ 10 އަހަރު ފުރިފައިވާކަން ފާހަގަކުރައްވާ ފާއިތުވި ދިހަ އަހަރުގެ ތަޖުރިބާގެ އަލީގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ތަފާތު ގިނަގުނަ މަސައްކަތްތައް ކޮށްފައިވާކަމަށް ވިދަޅުވެފައެވެ. އެގޮތުން މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ޤަބޫލުކޮށް، އެނިޒާމް ހަރުދަނާކުރުމަށް އިސްކަންދޭކަން ސަރުކާރުގެ ސިޔާސަތުތަކުން ހާމަކޮށްދޭކަމަށް އަފްޝަން ވިދާޅުވިއެވެ.
ސަރުކާރުގެ އިސް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ޤާނޫނަށް މުހިންމު އިޞްލާހުތަކެއް މިހާތަނަށް ގެނެސްފައިވާކަމަށާއި، އެ ބަދަލުތަކުގެ ސަބަބުން، ނިންމުންތައް ނިންމުމުގެ މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، މައި ސަރުކާރުގެ ބާރުތައް ރަށުގައި ދިރިއުޅެމުންދާ ރައްޔިތުންނާއި ހަމައަށް ލިބި އެރަށެއްގެ ތަރައްޤީގެ މިސްރާބު ކަނޑައަޅާ ބަޔަކީ އެރަށެއްގެ ރައްޔިތުންނަށް ވެގެންދާނެކަމަށްވެސް އަފްޝަން ވިދާޅުވިއެވެ. މިއީ ޖަޒީރާވަންތަ ރަށްވެހި ތަރައްޤީ ހާސިލް ކުރުމަށް ލިބުނު އެންމެ މުހިއްމު ކުރިއެރުންކަމަށްވެސް ވިދާޅުވިއެވެ.
މިއިސްލާހުން ކައުންސިލްތަކުގެ ދައުރު މިވަނީ 5 އަހަރަށް ބަދަލުވެފަ. އަދި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިޚާބު ކުރާނީ، އެ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދީމިޤްރާތީ އުސޫލުން ނަގާ ސިއްރު ވޯޓަކުން ކަމަށް ކަނޑައެޅިގެން ދިޔަ. މީގެ އިތުރަށް އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތަށް މިވަނީ ބަދަލުތަކެއް ގެނެވިފަ. އަތޮޅު ކައުންސިލްގައި ދެން ތިއްބަވާނީ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓުން އިންތިޚާބު ކުރެވޭ އަތޮޅު ކައުންސިލްގެ ރައީސާ، އެ އަތޮޅެއްގެ ރަށު ކައުންސިލްތަކުގެ ރައީސުން. އަޅުގަނޑު ދެކެނީ މި އިސްލާހު ތަކުގެ ސަބަބުން ކައުންސިލްތަކުގެ ހިންގުން ހަރުދަނާވެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް. އަދި ބާރުވެރި ކައުންސިލްތަކެއްގެ ސަބަބުން ރައްޔިތުން ބާރުވެރިވެގެން ދާނެ ކަމަށް.
– އެލްޖީއޭގެ ސީއީއޯ ފާޠިމަތު އަފްޝަން ލަޠީފް
ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމް ފުރިހަމައަށް ހިންގުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހަައްލެއް ލިބިގެންދާނެކަމަށާއި، މަރުކަޒީ ކުރެވިފަވާ މުހިންމު ބާރުތަކެއް ލާމަރުކަޒު ކޮށްދީ، ރަށު ތަރައްޤީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ގެނެސްދޭނެކަމަށްވެސް އަފްޝަން ވިދާޅުވިއެވެ. އަދި އަލަށް ގެނެސްފައިވާ އިޞްލާހުތަކުން މައި ސަރުކާރަށް ބަރޯސާވުން ކުޑަ، އިގްތިސާދީގޮތުން ފުދުންތެރި މުއައްސަސާތަކަށްވުމަށް މާލީ މިނިވަންކަމާ ބާރުވެރިކަން ކައުންސިލްތަކަށް ލިބިގެންދާނެކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.
.
ލާމަރުކަޒީ ނިޒާމު ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމުގެ ގޮތުން ވެސް ޤާނޫނަށް މުހިންމު ބަދަލުތަކެއް ގެނެވިފައިވާކަން ފާހަގަކުރައްވަމުން އަފްޝަން ވިދާޅުވީ، ޒަމާނުއްސުރެ އިންތިހާބީ މަގާމުތަކަށް ވާދަކުރުމުގައި އަންހެނުންނަށް ހުރި ހަނި ފުރަސަތުތައް ފުޅާކުރުމުގެ ގޮތުން، ކޮންމެ ރަށު ކައުންސިލަކާއި ސިޓީ ކައުންސިލެއްގައި އަންހެނުންނަށް ޚާއްޞަކޮށް ކޯޓާ ކަނޑައެޅިފައިވާކަމަށެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ ދައުރު ފުޅާކޮށް ހަރުދަނާކުރުމުގެ ގޮތުން ވެސް ބަދަލު ތަކެއް ގެނެވި، އެކޮމިޓީތަކުގެ ޒިންމާ އަދާކުރުމަށް ބޭނުންވާ ވަސީލަތްތައް ލިބުމަށް މަގުފަހިކޮށްދީފައިވާކަމަށް އަފްޝަން ވިދާޅުވިއެވެ. މިއިން ކޮންމެ ބަދަލަކުން އަންހެނުން ބާރުވެރިވެ، ލާމަރުކަޒީ ނިޒާމުގަޔާއި ސިޔާސަތު ކަނޑައެޅުމުގައި އަންހެނުންގެ ދައުރު އެތައް ގުނައަކުން ފުޅާވެގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.
ކަންކަން ނިންމުމުގައި އަންހެނުންގެ ހިއްސާ އިތުރުވެގެން ދިއުމުން، ޤައުމުގެ އިޖުތިމާޢީ ދުޅަހެޔޮކަން ބަދަހިވެގެން ވަރުގަދަ ވެގެންދާނެ. މިއީ ޤައުމީ ފެންވަރުގައި އަންހެނުންގެ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި އަޅުގަނޑު ދެކެން. ދެހާސް ވިހިވަނަ އަހަރު ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތި ވެފައި ވަނިކޮށް ކޮވިޑް ނަވާރައިގެ ބަލިމަޑުކަން ވަނީ ދިވެހިރާއްޖެ އާއި ހަމައަށް ވެސް ފޯރާފަ. އޭގެ ސަބަބުން ތައްޔާރުވަމުން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރެވުނު. އަދި ޤާނޫނީ ގޮތުން އަތުވެދާނެ ހުސްކަން ފޫބެއްދުމަށްޓަކައި ޚާއްޞަ ޤާނޫނެއް އެކުލަވާލާ، ލާމަރުކަޒީ ނިޒާމަށް އަތުވެދާނެ ލޮޅުން ތަކުން މި ނިޒާމު ވަނީ ސަލާމަތްކޮށް ދީފަ. މިއިންތިގާލީ މަރުހަލާއަކީ ކައުންސިލްތަކަށް ބައެއް ދަތިތައް ކުރިމަތިވެފައިވާ ދުވަސްވަރެއްކަން ގަބޫލުކޮށް، މި ދަތި ވަގުތުގައިވެސް ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ސާބިތުވެ ތިއްބަވާކަން ފާހަގަކޮށް ޝުކުރުދަންނަވަން.
– އެލްޖީއޭގެ ސީއީއޯ ފާޠިމަތު އަފްޝަން ލަޠީފް
ޤައުމުގެ ހާލަތަށް ބެލުމަށްފަހު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމުގެ މަސައްކަތް އަނެއްކާ ވެސް ފެށިފައިވާކަން ފާހަގަކުރައްވަމުން އަފްޝަން ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑު ކަމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތައް ހިންގުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވީނަމަވެސް، ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދެމުން ގޮސްފައިވާކަމަށެވެ. އަދި ކޯވިޑް-19ގެ ކަންކަމުގައި އެޗްޕީއޭއާއި، ސަރުކާރުގެ މުވައްސަސާތަކުން ކައުންސިލްތައް މެދުވެރިކޮށް ރަށްރަށުގައި ކުރަން ބޭނުންވާ ކަންކަން ވަރަށް ރަނގަޅަށް ކުރަމުންދާކަމީ މި ނިޒާމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެއްކަމަށްވެސް އެލްޖީއޭގެ ސީއީއޯ ވިދާޅުވިއެވެ.
އަފްޝަން ވަނީ ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނަށް ފޯރުކޮށް ދެވޭނީ އިޚްލާސްތެރިކަމާއެކު އެނިޒާމުން ލިބިދީފައިވާ މުހިއްމު ގިނަ ބާރުތައް ރައްޔިތުންނަށް އެންމެ ފައިދާއާ މަންފާ ކުރާނެ ގޮތަށް ބޭނުންކުރާނެ މީހުން އިންތިޚާބުކުރެވިގެންކަމަށްވެސް ވިދާޅުވެފައެވެ.
ލާމަރުކަޒީ ޤާނޫނަށް އިޞްލާހު ގެނައިފަހުން ބާއްވާ ފުރަތަމަ ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. އެގޮތުން ދެން އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ ދައުރަކީ ފަސް އަހަރު ދުވަހުގެ ދައުރެކެވެ.
ކޮމެންޓު ފޮނުވާ