ކޯވިޑް-19އަށް ވެކްސިނެއް ލިބުމުން، ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ވެކްސިން ދެވޭނެ މިންވަރަށް ހިލޭ ވެކްސިން ލިބޭނެކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމަކުރައްވައިފިއެވެ. ރޭ އެޗްއީއޯސީފައި ބޭއްވި ޕްރެސްކޮންފަރެންސްގައި ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، ވެކްސިނެއް އީޖާދުކުރެވުމުން ރާއްޖެއިން ވެކްސިން ގަތުމަށް ވަކި ޢަދަދެއް އަދި ކަނޑައަޅާފައި ނުވާކަމަށެވެ. އަދިވެކްސިން ހޯދުމަށް ހޭދަކުރާނެ ސީދާ ޢަދަދެއްވެސް އަދި ނިންމާފައިނުވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ދިނުމުގެ މަރުހަލާއަކީ ވަރަށް ބޮޑު ޚަރަދެއް ހިނގާނެކަމެއްކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ. އަދި އެއީ ބުރަ އަދި ބޮޑު މަސައްކަތެއްކަމަށާއި، ކޯވިޑް19އަށް ވެކްސިނެއް ނުކުތުމުން ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ދެވޭނެ މިންވަރަށް ހިލޭ ވެކްސިން ރާއްޖެއަށް ލިބޭނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މިހާތަނަށް އެއްވެސް ވެކްސިނެއްގެ މާކެޓް ވެލިއުއަކީ ކޮބައިކަމެއް އަަޅުގަނޑުމެންނަށް ސާފުވެފައެއް ނުވޭ . ރާއްޖެ މިވަނީ ކޮވެކްސް ފެސިލިޓީގައި ބައިވެރިވެފަ. އަދި ރާއްޖެއަކީ އެ ބޭފުޅުން ކެޓަގަރައިޒް ކުރައްވާ ގޮތުގައި އެޑްވާންސް މާކެޓް ކޮމިޓްމަންޓް ގުރޫޕްގެ ތެރޭގައި ހިމެނޭ ބައެއް. ނޫނީ އޭއެމްސީ ކަންޓްރީއެއް. މާނައަކީ ރާއްޖޭގެ ދިރިއުޅޭ އާބާދީގެ 20 ޕަސެންޓް މީހުންނަށް ހިލޭ ޑޯނާ ފަންޑްސްގައި ހިލޭ ވެކްސިން ލިބޭނޭ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤް ވިދާޅުވިއެވެ.
ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ކޯވިޑް ވެކްސިން ލިބޭނެކަމަށް ޑރ.ނަޒްލާ ވިދާޅުވެފައިވާއިރު އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އާބާދީއަކީ 557،426 މީހުންނެވެ. އެހެންކަމުން ގާތްގަނޑަކަށް 111،485 މީހުންނަށް ހިލޭ ވެކްސިން ލިބޭނެއެވެ.
ޑރ.ނަޒްލާގެ ވާހަކަފުޅުގައި މިވަގުތު ކޯވިޑް-19އަށް 9 ވެކްސިނެއް ނެރުމުގެ ތިންވަނަ މަރުހަލާގައި އޮތްކަން ފާހަގަކުރައްވާ ވިދާޅުވީ، އެންމެ އަވަހަށް ލައިސަންސް ލިބޭނީ ކޮން ވެކްސިނަކަށްކަން ނޭނގޭކަމަށެވެ. ދުނިޔޭގެ އެކިޤައުމުތަކުގައި އުފައްދާ ވެކްސިން ތަފާތުވާނެކަމަށާއި، ވެކްސިންގެ ތަފާތު ޑޯޒްތައް ހުންނައިރު، ޢާންމުކޮށް ވެކްސިނެއްގައި ތިން ޑޯޒް ދޭނެކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ކޯވިޑް-19އަށް ވެކްސިނެއް ތައްޔާރުކުރެވިއްޖެނަމަ، އެންމެ އަވަހަށް ވެކްސިނެއް ލިބޭނެ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ސަރުކާރުން ކުރިން ވަނީ ހާމަކުރައްވާފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އިސްނަގައިގެން ފެށި "ކޯލް ފޯރ އެކްޝަން"ގައި އެންމެ ކުރިން ބައިވެރިވި ޤައުމުތަކުގައި ތެރޭގައި ރާއްޖެ ހިމެނޭކަމަށާއި، އެ ހަރަކާތުގައިވެސް ރާއްޖެއިން ބައިވެރިވީ ރާއްޖެފަދަ ވަޞީލަތް މަދު ޤައުމަކަށް ވެކްސިނެއް ހޯދުމުގެ މުހިންމުކަން ސަރުކާރަށް ވަޒަންކުރެވޭތީކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެފައިވެއެވެ.
މި އަހަރު ނިމުމުގެ ކުރިން ކޯވިޑް-19އާ ދެކޮޅަށް ކާމިޔާބު ވެކްސިނެއް ލިބޭނެކަމަށް ބެލެވޭކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗްއޯއިން ވެސް ވަނީ ބުނެފައެވެ. ދުނިޔޭގެ ހުރިހާ ޤައުމަކަށް ކޯވިޑް-19އާ ދެކޮޅަށް އުފައްދާ ވެކްސިނެއް ލިބޭނެކަން ޔަޤީންކުރުމަށް ޑަބްލިއުއެޗުއޯއިން އިސްވެ އުފައްދާފައިވާ ކޯވެކްސް ފެސިލިޓީއިންދަނީ ނުވަ ވެކްސިނެއް ދިރާސާކުރަމުންނެވެ.
ކޮމެންޓު ފޮނުވާ