ފުރަތަމަ ލެގު ކާމިޔާބުކޮށް ޗެލްސީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

ފުރަތަމަ ލެގު ކާމިޔާބުކޮށް ޗެލްސީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2021 11:43
0

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފަހު 16 ގައި ސްޕެނިޝް ލަލީގާގެ އެޓްލެޓިކޯ މެޑްރިޑާއި އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެލްސީ ބައްދަލުކުރި ފުރަތަމަ ލެގްގެ މެޗް ޗެލްސީ ކާމިޔާބުކޮށް ކުއާޓާގެ އުންމީދު އާކޮށްފިއެވެ.

ކޯވިޑް 19ގެ ސަބަބުން ސްޕެއިނުން އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން ރުމޭނިއާގެ ބުކަރެސްޓްގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ. ރޭގެ މެޗު ފަށައިގެން އެތުލެޓިކޯ އިން ކޮންމެވެސް ވަރަކަށް ޗެލްސީގެ ފަހަތަށް ޕްރެޝަރު ބޮޑު ކުރި ނަމަވެސް ފަހުން ބޯޅަ ހިފަހައްޓައިގެން ކުޅެ ފުރަތަމަ ހާފުގައި ވެސް ޗެލްސީން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އެވެ.

މިމެޗްގައި ޗެލްސީއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ޖަހައިދިނީ އޮލިވަރ ޖިރޫއެވެ. އޮވަރހެޑަކުން ވަރަށް ރީއްޗަށް ޖެހި މިގޯލް އެންމެ ފުރަތަމަ ރެފްރީ ނިންމި އޮފްސައިޑް ލަނޑަކަށެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެލަނޑު އޮފްސައިޑް ނޫންކަމަށް ނިންމިއެވެ. މިމެޗްގައި ލަލީގާގައި މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންދާ އެޓްލެޓިކޯއަށް މާ ރަނގަޅަށް ކުޅެވޭގޮތެއް ނުވިއެވެ. މިގޮތުން އެޓީމުގެ ނުރައްކާތެރި ފޯވަޑް ލުއިސް ސުވަރޭޒަށް މާ ރަނގަޅު ފުރުސަތުތަކެއް މިމެޗްގައި ނުލިބެއެވެ.

ޗެލްސީން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވާދަކުރީ 2013-2014 ވަނަ އަހަރުގެ ސީޒަނުގަ އެވެ. ޗެލްސީ ދަނޑުގައި މާޗް 17 ވަނަ ދުވަހު އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް ކުއާޓާ ފައިނަލުގެ ޖާގަ ހޯދޭނެ އެވެ. ޗެލްސީގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެ ޓީމު ކުޅުނު އަށް މެޗުން ވެސް ބަލިވެފައިނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.