ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޖޮނީ ވިލިއަމްސް ކާމިޔާބުކޮއްދިން ހަމައެކަނި ލަނޑުން މޮޅުވެ ވޭލްސް ގުރޫޕްގެ އެއްވަނައި ޖެހިލިފައި އެވެ.
މިއީ ވިލިޔަމް ވޭލްސްގެ ގައުމީ ޓީމަށް ކާމިޔާބުކޮއްދިން ފުރަތަމަ ލަނޑެވެ. ނޭޝަންސް ލީގުގައި ވޭލްސްއިން ބަލްގޭރިޔާގެ މައްޗަށް ކުރި ހޯދީ 1-0 ލަނޑުންނެވެ. މިމެޗުގައި ޖެހި ހަމަ އެކަނި ލަނޑު ވޭލްސްއިން ކާމިޔާބު ކުރީ މެޗު ނިމެން 5 މިނިޓަށް ވެފައިވަނިކޮށެވެ. އަނިޔާގެ ސަބަބުން ގެރެތް ބޭލް އަދި ރަމްސޭ ނެތި ކުޅުނު މެޗުގެ ވޭލްސް ޒުވާން ކުޅުންތެރިން ވަނީ މޮޅުކުޅެއް ދައްކާފައެވެ.
މިއީ މިގުރޫޕުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ވޭލްސް މޮޅުވި ތިންވަނަ މެޗެވެ. ވޭލްސްއިން އެންމެ ފަހުން ކާމިޔާބު ކުރި ތިން މެޗު އެޓީމުން މޮޅުވެފައި ވަނީ މެޗުގެ ފަހު 15މިނިޓުގައި ކާމިޔާބުކުރި ލަނޑުތަކުންނެވެ. ރޭ މިގުރޫޕްގައި ފިންލޭންޑް އާއި އަޔަލެންޑް ވާދަކުރި މެޗު 1-0 ލަނޑުން ކާމިޔާބު ކުރީ ފިންލޭންޑްއެވެ.
މިނަތީޖާ އެކު ވޭލްސް ވަނީ 10 ޕޮއިންޓާއެކު ގުރޫޕް އެއްވަނައަށް ޖެހިލިއަފައެވެ. ވޭލްސްއަށް ވުރެ ޕޮއިންޓެއް މަދުން ހޯދައިގެން ފިންލޭންޑް ދެވަނައިގަ އޮތްއިރު އަޔަލޭންޑް ތިންވަނައިގަ އޮތީ ދެ ޕޮއިންޓާއެކުއެވެ. ގުރޫޕްގައި ފުލުގައިވާ ބަލްގޭރިޔާ އަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.