އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަންގެ މުސާރަ ކުޑަވެގެން މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް އޭނާ ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް ފޮނުއްވި ސިޓީގައި ބުނެފައިވަނީ މިހާރު ކަނޑައަޅާފައިވާ މުސާރަ އަލުން މުރާޖާކޮށް ދެއްވުމަށެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ވިދާޅުވީ ކޮމިޓީން އޭނާއަށް ދޭން ކަނޑައެޅި މުސާރަ ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންވެސް އެނިންމުން ޤަބޫލުކޮށް، ތަޅުމުން ފާސްކޮށްފައިވާއިރު އެނިންމުން އަލުން މުރާޖާ ކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
މާލިއްޔަތު ކޮމިޓީގެ މުޤައްރިރު މުހައްމަދު ނާޝިޒު ވިދާޅުވީ ކޮމިޓީއަށް މުސާރަ އަލުން ބޮޑު ކުރުމަށް ޗީފް އޮމްބަޑްސްޕާސަން އަމިއްލަ ފުޅަށް އެދުނު ނަމަވެސް މަޖިލީހުން އެކަން ނިންމާފައިވާ ގޮތް ސާފުކޮށްދޭން ސިޓީގެ ޖަވާބު ދެއްވާނެކަމަށެވެ. މަޖިލީހުން ކަނޑައަޅާފައިވާ 37،500 ރުފިޔާ ކުޑަވެގެން، ހުށަހަޅާފައިވަނީ 57،000 ރުފިޔާއަށް މުސާރަ ބޮޑު ކޮށް ދިނުމަށެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމާފައި ވަނީ ޗީފް އޮމްބަޑްސްޕާސަންގެ މުސާރައަށް 37،500 ރުފިޔާ ދިނުމަށެވެ. އަދި އޭނާގެ ދަށުން ތިއްބަވާ ދެ މެންބަރުންނަށް 33،500 ރުފިޔާގެ މުސާރައެއް ދިނުމަށެވެ. އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހުގެ ވެރިންގެ މުސާރަ ކަނޑައަޅައި މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
މިއީ ފަހުގެ ތާރީހެއްގައި މަޖިލީހުން މުސާރައެއް ކަނޑައެޅުމުން މުސާރަ ކުޑަވެގެން މަޖިލީހަށް އަމިއްލަފުޅަށް ސިޓީއަކުން އެދުނު ފުރަތަމަ ބޭފުޅާކަން ފާހަގަކޮށްލެވެ.
ޗީފް އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަންކުރެއްވި ޢަބްދުއްސަލާމް ޢާރިފަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރސް އޮފް ކޮމްޕެރެޓިވް ލޯސް ވެސް ހާސިލުކުރައްވާފައެވެ.
އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.
ކޮމެންޓު ފޮނުވާ