ރާޢްޖޭގައި އެއްވެސް އެހެން ޤައުމެއްގެ މިލިޓަރީ ސިފައިން ތިބެ، އެމީހުން ތިބޭ ތިބުމަކީ ރާއްޖޭގެ އިސްތިޤުލާލަށް އެކަމުން ނުރައްކާވެދާނެ ކަމެއްކަމުގައި ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު ޒައިދު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވެ، އިންޑިޔާގެ މިލިޓަރީ ގާއިމްކުރުމާއި ގުޅޭގޮތުން އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. ވަކި ކަމަކަށް އިޝާރާތް ނުކުރައްވައި ޝައިޚު ޒައިދު ވިދާޅުވީ ރާއްޖޭގެ ފަސްގަނޑުގައި އެއްވެސް ޤައުމެއްގެ މިލިޓަރީ ސިފައިން ތިބުމަކީ އެއްވެސް އިރެއްގައި ތާއީދު ކުރައްވާނެ ކަމެއް ނޫންކަމަށެވެ. އަދި އެކަމަކީ ރާއްޖެއަށް މިވަގުތު ނޫނަސް ފަހުންވެސް ނުރައްކާ ކުރިމަތި ވެދާނެ ކަމެއްކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.
ރާއްޖޭގައި އެއްވެސް ޤައުމެއްގެ މިލިޓަރީ ޤާއިމްވެ ތިބުމީ އަޅުގަނޑު ވަރަށް ފާޅުގައި ދެކޮޅު ހަދާ ކަމެއް! ދުރު މުއްތަޤުބަލެއްގައިވެސް ރާއްޖޭގެ އިސްތިޤުލާލަށްވެސް ނުރައްކަލެއް، ގެއްލުމެއް ވެދާނެ ކުޑަވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރާނެކަމަށް އުންމީދުކުރަން.
– ޝައިޚު ޒައިދު ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮންނަ އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހަދަން އިންޑިއާއާ އެކު ދިވެހި ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ، ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެކަމަކު، އެމްއެންޑީއެފް އިން އެކަން ދޮގު ކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ އުތުރުތިލަފަޅުގައި ހަދަނީ އަސްކަރީ މަރުކަޒެއް ނޫން ކަމަށެވެ. މިއީ ޑޮކްޔާޑަކަށްވާ އިރު، އަސްކަރީ ގޮތެއްގައި ބަޔަކު މި ޑޮކްޔާޑްގައި ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އަދި އެ ތަނުގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް އަމާޒުކޮށްފައި އޮތީ ތިން އަހަރު ދުވަހުގެ ތެރޭގައެވެ. އުތުރު ތިލަފަޅުގައި ޒާމާނީ ހުރިހާ ވަސީލަތެއް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއެއްބަސްވުމުގައި ވާގޮތުން 15 އަހަރު ވަންދެން އެތަނުގެ މަރާމާތުގެ ކަންކަން ބަލަހައްޓާނީ އިންޑިޔާގެ ސިފައިންނެވެ.
ކޮމެންޓު ފޮނުވާ