އިއްޔެ ޗައިނާ، މިއަދު އިންޑިއާ، މާދަމާ ކޮންގައުމެއް!

އިއްޔެ ޗައިނާ، މިއަދު އިންޑިއާ، މާދަމާ ކޮންގައުމެއް!

Author
ހުސެއިން
24 ފެބްރުއަރީ 2021 07:06
0

ބަވަނަ ވެފައިވާ ދުނިޔެއެއްގައި، އެއްގައުމު އަނެއްގައުމު އެކީ ގުޅިލާމެހިގެންމެނުވީ ކުރިޔަކަށް ނުދެވޭނެއެވެ. އަދި ބައިނަލްއަގުވާމީގޮތުން ކުރިއެރުން ހާސިލް ކުރުމަށްޓަކާ، އިގްތިސާދީ، ސިޔާސީ އަދި އިޖުތިމާއީ ކަންކަމަކީވެސް، އެއްގައުމު އަނެއް ގައުމުން އެއްބާރުލުން ހޯދައިގެން މެނުވީ ކުރިއެރުމެއް ހާސިލް ނުކުރެވޭނޭ ކަންކަމެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނަޒަރެއް ހިންގާލުމުން މިހަގީގަތް ވަރަށް ރަގަޅަށް ސާފުވާން އެބަހުއްޓެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެއް ގޮތުގައި މިއަދުއޮތް އެމެރިކާއިން މުޅި ދުނިޔެއަށް އެގައުމުގެ ހަންފެތުރުމަށް ބޭނުން ކުރަމުންދާ އެންމެ ބޮޑު ވަސީލަތަކީ ދުނިޔޭގެ ބާރުގަދަ ބައެއް ގައުމުތަކާއެކީ އެގައުމުން ދަމަހައްޓަމުންދާ ޑިޕްލޮމެޓިކް ގުޅުންތަކެވެ. ފާއިތުވެދިޔަ ތަނުގައި އެގައުމުން ކޮށްފައިވާ ބޮޑެތި ހަގުރާމަތަކާ، އަދި އެމެރިކާއާއި ދެކޮޅުވެރި ބައެއް ގައުމުތަކާ މުގާބަލާ ކުރުމަށްޓަކާ އެގައުމުން ބޭނުންކުރާ އެންމެ މުހިންމު ވަސީލަތަކީ އެމެރިކާގެ ސިޔާސަތާ އެއްގޮތަށް އެކުވެރި ދައުލަތްތަކުން ބަސްބުނުވުމެވެ.

އެމެރިކާއިން ކޮށްފައިވާ ބޮޑެތި ހަގުރާމަތަކާ، އަދި މިހާރު އިރާނާއި ރަޝިޔާއާއި ދެކޮޅަށް އެގައުމުން ތަންފީޒުކުރަމުންދާ ސިޔާސަތުތައް ތަންފީޒު ކުމުގައި ގެންގުޅެމުންދާ ސިޔާސަތުތަކަށް ވިސްނާލުމުންވެސް، ބަވަނަ ވެފައިވާ ދުނިޔެއެއްގައި ސިޔާސީ އަދި އިގްތިސާދީ ނުފޫޒު ދެމެހެއްޓުމުގައި ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމުގެ މުހިންމުކަން ވަރަށް ރަގަޅަށް ވަޒަން ކޮށްލެވެއެވެ.

އެހެންނަމަވެސް، މިއީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ވާހަކަތަކެވެ. އިގްތިސާދީ ގޮތުންނާއި އަސްކަރީގޮތުން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވި، ހިންދެމިލައިގެން ތިބެ، މުޅި ދުނިޔެއަށް ހަންފެތުރުމަށް މަސައްކަތް ކުރަމުންދާ ގައުމުތަކުގެ ވާހަކަތަކެވެ.

ބައިނަލް އަގުވާމީ މަސްރަހުގައި، ދޭދޭ ގައުމުގެތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުންތައް ކިތަންމެ މުހިންމު ކަމުގައިވިނަމަވެސް، މިގުޅުންތައް ދެމެހެއްޓުމުގައި، ގައުމުތަކުގެ ނިސްބަތުން ގެންގުޅޭ ތަފާތުތަކެއް ހުރެއެވެ. އަދި ރާއްޖެފަދަ ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓުން އަދިވެސް އަރައިގަނެވިފައިނުވާ ކުދި ގައުމުތަކުން މިގުޅުންތައް ދެމެހެއްޓުމުގައި އަދާކުރަންޖެހޭ ދައުރާ އޭގެ ވައްޓަފާޅިއާ އަދި ގެންގުޅެންޖެހޭ ސިޔާސަތުވެސް އިންތިހާއަށް ތަފާތުވާނެކަމަށް ގަބޫލުކުރަން ޖެހެއެވެ.

އޭރު ޗައިނާ

ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ބޭރުގެ ގައުމުތަކާ އެކީ ދެކޮޅުވެރިކަމެއް ނެތް ޚާރިޖީ ސިޔާސަތެއް ގެންގުޅެމުން އައި ގައުމެކެވެ. ރައީސް މައުމޫނުގެ ޒައާމަތުންފެށިގެން، 2008 ވަނަ އަހަރު ބަލައިގަތް ޑިމޮކްރަސީގެ ނިޒާމަށްފަހުވެސް މައިގަޑު ގޮތެއްގައި ރާއްޖެއިން ބޭރުގެ ދައުލަތްތަކާއެކީ ތަންފީޒު ކޮށްފައިވަނީ، ދެކޮޅުވެރިކަމެއް ނެތް ސިޔާސަތުތަކެކެވެ. ނަތީޖައެއްގެ ގޮތުން މިގުޅުންތަކުގެ ތެރެއިން ގިނަގުނަ ކާމިޔާބީތަކެއްގެ، ނުވަތަ ތަރައްގީގެ ނިސްބަތުން ބޮޑެތި އެހީތަކެއް ރާއްޖެއަށް ލިބިގެން ގޮސްފައިވެއެވެ. އަދި ދެކޮޅުވެރިކަމެއް ނެތް މި ސިޔާސަތު ދަމަހައްޓަމުން، ތަރައްގީގެ ނިސްބަތުން ކުރިއެރުންތައްވެސް ހާސިލްކުރަމުންދާއިރު، އެހެނިހެން ބައެއް ގައުމުތަކަށްވުރެ ބޮޑަށް ރާއްޖެއިން ވިސްނަން ޖެހޭ ކަންތައްތަކެއް ހުރިކަންވެސް ގަބޫލުކުރަން ޖެހެއެވެ.

ނިމިދިޔަ ރައީސް ޔާމިންގެ ވެރިކަމަށް ނަޒަރެއް ހިންގާލަމާތޯއެވެ. އެންމެ ގާތް އެކުވެރިއަކީ ޗައިނާއެވެ. ރައީސް ޔާމިން އެމަނިކްފާނުގެ ވެރިކަމުގައި ގައުމުން ބޭރަށް ކުރެއްވި މަދު ދަތުރުފުޅުތަކުގެ ތެރެއިން ވަޑައިގެންނެވި މަދު ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ. ފަހަކަށް އައިސް ޗައިނާގެ ރައީސަކު ރާއްޖެ ވަޑައިގެންފައިވަނީެވެސް ހަމައެކަނި އެމަނިކްފާނުގެ ވެރިކަމުގައެވެ.

ރައީސް ޔާމިން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

އިގްތިސާދީ ރޮގުންނާއި އަދި އަސްކަރީ ރޮގުންވެސް ގާތް ގުޅުންތަކެއް އޭރު ރާއްޖެއިން ޗައިނާއާއެކު ދަމަހައްޓާފައި ވެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ޗައިނާއިން ރާއްޖެއަށް އިގްތިސާދީ ބޮޑެތި އެހީތަކެއް ފޯރުކޮށް ދީފައިވެއެވެ. ޗައިނާއަކީ ދުނިޔޭގެ އެންމެ މުއްސަދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށް ވުމާއެކު، ޗައިނާގެ މުއްސަދިކަމާއި އުފެއްދުންތެރިކަމުގެ ފައިދާ އެސަރުކާރުން އިންތިހާއަށް ނަގާފައިވާ ކަމުގައި ދަންނަވަން ޖެހެއެވެ.

މީގެ ހެއްކަކީ، ސިނަމާލެ ބްރިޖު ޕްރޮޖެކްޓާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް ޗައިނާއިން ވެދީފައިވާ އެހީތެރިކަމެވެ. އަދި މިތަރައްގީގެ ކުލަތައް މާލެއާއި ހުޅުމާލެއިން ކިތައްމެ ރަގަޅަށްވެސް ފެންނާން އެބަހުއްޓެވެ. މީގެ ފަސޭހަތައްވެސް މިއަދު ދިވެހި ރައްޔިތުންނަށް އިންތިހާއަށް ލިބެމުންދާ ކަމީ، ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.

އެހެންމަވެސް، ޗައިނާ ސަރުކާރުގެ އެހީގައި މިގެނެވުނު ތައްގީގެ ގިނަ މަޝްރޫޢުތަކަކީ އޭރުގެ އިދިކޮޅު ފަރާތްތަކުން އިންތިހާއަށް އޭރު ފާޑުކިޔަމުންދިޔަ ކަންކަމެވެ. ޗައިނާގެ ބޭންކުތަކުން ބޮޑެތި ލޯނުތައް ނަގައިގެން، ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގި މި ބިޔަ މަަޝްރޫއުތަކަށް އޭރު އަމާޒުކުރި ފާޑުކިއުންތަކުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ، ބޮޑެތި ލޯނުތައް ދިގުމައްދަތުން ދައްކާގޮތަށް، އެތައް ގެރެންޓީއެއް ދީގެން ނެގުމުގައި ގައުމު އިގްތިސާދީގޮތުން އަޅުވެތި ވެގެންދާނޭ ކަމުގެ ވާހަކަތަކެވެ. ލޯނުތައް ނުދެއްކި ގައުމު ބަގުރޫޓު ވެގެން ހިގައިދާނޭ ކަމުގެ ވާހަކަތަކެވެ. ޗައިނާގެ ވިޔަފާރިވެރިންގެ ނުފޫޒު ގަދަވެ، ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަގުރޫޓުވެގެން ދާނޭކަމުގެ ވާގަކަތަކެވެ.

އެހެންނަމަވެސް، އޭގެ އަހަރުތަކެއް ފަހުން މިއަދު ފެންނާން އޮތް މަންޒަރަކީ، ދިވެހި ރާއްޖެ އޭރު ވާހަކަ ދެކެވުނު ބީދައިން އަޅުވެތިވެގެން ގޮސްފައި ނުވާތަނެވެ. ލޯނުތަކުގެ ބުރަކަމާއި ބިޔަކަމުގެ ވާހަކަ ދެއްކި މީހުން، އެލޯނުތައް ނުދެއްކޭނެކަމަށް އޭރު ވިދާޅުވި ނަމަވެސް، އެލޯނުތައްވެސް ޝެޑިއުލާ އެއްގޮތަށް ދެއްކެމުންދާ ތަނެވެ. އަދި އެލޯނުތަކުން އަންނަންއޮތް ޖީލުތައް އުފުލަންޖެހޭ ބުރަތަކުގެ ވާހަކަތަކެއް، ދަރީންގެ ދަރީންނަށް ދަންދެން ދަރަނިވެރިވެގެންދާނެ ކަމުގެ ވާހަކަތަކުގެ އަޑުތައް މިއަދު އިވެމުންނެއް ނުދެއެވެ.

އެހެންނަަމަވެސް، ކަމުގެ ހަގީގަތަކީ، އޭރުގެ ސަރުކާރުން ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު، ހިންގި މި ބިޔަ މަޝްރޫޢުތަކަށް ހިންގުމަށްޓަކާ ނަގާފައިވާ ލޯނުތަކަކީ ބޮޑެތި ލޯނުތަކެއް ކަމެވެ. އެލޯނުތައް ދެއްކުމަށްޓަކާ ދިވެހި ދައުލަތުން ދިގުމުއްދަތަކަށް އުފުލަންޖެހޭ މާލީ ޒިންމާވެސް އިންތިހާއަށް ބޮޑުކަމެވެ. މިކަންކަމުގެ ވާހަކަތައް މިބީދައިން މިއަދު އިވެމުން ނުދަނީ ކީއްވެގެންތޯ މިއީ ހަމަ އަޅުގަޑުމެން ކޮންމެ މީހަކުވެސް މިއަދު ކުރަންޖެހި، ޖަވާބު ހޯދަން ޖެހިފައިވާ ސުވާލެކެވެ.

ސިނަމާލެ ބްރިޖް: މަސައްކަތް ފެށުނުތާ 2 އަަަރު ތެރޭ މަސައްކަތް ވަނީ ނިމިފައި

މިއަދު އިންޑިއާ

އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެކުވެރި ގައުމެކެވެ. އަދި ޒަމާނުއްސުރެ، ބޭސްފަރުވާއާއި، ތައުލީމު ހާސިލް ކުރުމަށް ދިވެހީން އެންމެ ގިނައިން ދަތުރުފަތުރު ކޮށް އުޅޭ ގައުމުވެސްމެއެވެ. އަދި ރާއްޖެއިން އެންމެ ކުރިއްސުރެ ގެންގުޅެމުން އަންނަ "ފުރަތަމަ އިންޑިއާ" ސިޔާސަތަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަމުންދާ މިގުޅުން އެންމެ ބޮޑަށް ރަންމްޒުކޮށްދޭ ސިޔާސަތުވެސް މެއެވެ.

އެހެންނަމަވެސް ފާއިތުވެދިޔަ ތަނުގައި ފެނިގެން ގޮސްފައިވާ މަންޒަރަކީ، ވަރަށް ތަފާތު މަންޒަރެކެވެ. އިންޑިއާއާއި އެކީ ޒަމާނުއްސުރެ އޮތް ގުޅުމަށް އިންތިހާއަށް ބުރޫ އަރައިގެންދިޔަ މަންޒަރެވެ. ޗައިނާއާއެކީ އޭރުގެ ސަރުކާރުން ކުރިޔަށްގެންދިޔަ ވިޔަފާރީގެ ގުޅުންތަކުގެ ނަތީޖާ އޭރު ނިކުމެފައިވަނީ، އިންޑިއާއެކު އޮތް މިގުޅުން ގުރުބާން ވެގެންކަމުގައި އޭރު ކަން ހިގާފައިވާގޮތަށް ބަލާއިރު ދެންނެވެން އެބައޮތެވެ.

އެއަަށްފަހު ދައުރު ބަދަލުވެގެން ދިޔައީއެވެ. މިއަދު އިންޑިއާއަކީ، މިސަރުކާރުގެ އެންމެ ބޮޑު ބައިވެރިއާއެވެ. ވިޔަފާރީގެ ގޮތުންނާއި ސިޔާސީ ގޮތުންވެސްމެއެވެ. މިސަރުކާރުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންދިއުމަށް ހަވާލު ކުރެވިފައިވަނީ އިންޑިއާގެ ކުންފުނިތަކާއެވެ. މީގެތެރޭގައި އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، މިސަރުކާރުން ކުރިޔަށް ގެންދާ ބްރިޖް މަޝްރޫއެވެ. އަދި މީގެ އިތުރުންވެސް، މަގު ހެދުމާއި، ފެނާއި ނަރުދަމާއާއި، މިގެންގޮސް މިސަރުކާރުގެ ތަރައްގީގެ މައި ނާރެހަކީ އިންޑިއާގެ ކުންފުނިތަކާއި، އިންޑިއާގެ ކްރެޑިޓް ލައިން ކަމުގައި ދެންނެވުމަކީ ކަމުގެ ހަގީގަތެވެ.

ބޮޑުވަޒީރު މޯޑިއާއި ރައީސް ސޯލިހު ބައްދަލު ކުރައްވަނީ

މިއާއެކު އިވެންފެށީ ހަމަ އެއް ވާހަކަތަކަކެވެ. މިސަރުކާރުގެ މައްޗަށް އިންޑިއާގެ އިގްދިސާދީ އަޅުވެތިކަން އިންތިހާއަށް އޮތްކަމުގެ ވާހަކަތަކެވެ.

އިގްތިސާދީ އަޅުވެތިކަމުގެ އިތުރަށް، މިސަރުކާރުގެ މައްޗަށް މިހާރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ އެއަށްވުރެ މާބޮޑު ތުހުމަތެއްވެސް އެބައޮތެވެ. އިންޑިއާގެ އަސްކަރީ ނުފޫޒުގެ ވާހަކަތަކެވެ. އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބޭކަމުގެ ކަންބޮޑުވުންތަކެވެ. އަދި އެއަށްވުރެވެސް ބޮޑަށް އުފެދިގެންދާ ކަންބޮޑުވުމަކީ، އުތުރު ތިލަފަޅުގެ ވާހަކަތަކެވެ. އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތަކީ، އުތުރު ތިލަފަޅުގައި ގާއިމްކުރާ ކޯސްޓްގާޑް ހާބަރއާއި އަދި ޑޮކްޔާރޑްއަކީ ދާއިމީ ގޮތެއްގައި، އިންޑިއާސިފައިން ރާއްޖޭގައި ބޭއްތިއްބުމަށް ކުރެވޭ ޕްލޭނެއްކަމުގެ ތުހުމަތުތަކެވެ.

ކޮންމެއަކަސް، ރާއްޖެއާ އިންޑިއާއާދެމެދު އޮތް ގުޅުމުގެ ތެރެއިން، އަދި ސަރަހައްދުގައި އިންޑިއާއިން އަދާކުރަމުންދާ މުހިންމު ދައުރުގެ ފައިދާ އޭގެ އެންމެ ރަގަޅު ގޮތުގައި މިސަރުކާރުންވެސް ނަގަމުންދާތަން މިއަދު ފެންނަމުން ދެއެވެ. ސަބަބަކީ މިސަރުކާރުން ކުރިޔަށް ގެންދާ ތަރައްގީގެ މައިގަޑު ބޮޑެތި މަޝްރޫޢުތަކަށް އިންޑިއާ ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ މަންޒަރު މިއަދު ފެންނަމުންދާތީއެވެ.

ހަގީގަތަކީ ކޮބާ؟

ތަރައްގީވަމުން އަންނަ ރާއްޖެފަދަ ގައުމަކަށް ތަރައްގީ ވަރަށް މުހިންމުވާނެއެވެ. އަދި އަމުދުން ރާއްޖޭގެ ސިޔާސީ މަސްރަހު ބައްޓަންވެފައި އޮތްގޮތުން، ވެރިކަންކުރަން ލިބޭ ފުރުސަތުގައި، އެވަގުތަކު ހުންނަވާ ވެރިއަކަށް، ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ތަރައްގީގެ މަޝްރޫއުތައް މެކުހަށް ޖެހުމަކީ މުހިންމު ކަމެއްކަން މާޒީގެ ކުރު ތާރީޚުން ފެންނާން އެބައޮތެވެ. އަދި ހަމައެއާއެކު، ވެރިކަމުގެ ދައުރެއް ފުރިހަަމަކޮށް ވަޑައިގަންނަވާއިރު، ރައްޔިތުންނަށްޓަކާ ކޮށްދެއްވި ކަންކަމުގެ މައްޗަށް ލެގަސީއެއް ގާއިމް ކުރައްވާފަ ވަޑައިގެންނެވުމަކީވެސް، ކޮންމެ ވެރިއަކުވެސް ދެކެވަޑައިގަންވާނެ ހުވަފެނަކަށް ނުވެނުދާނެ ކަންވެސް ޔަގީނެވެ.

އެހެންނަމަވެސް، ބައިނަލް އަގުވާމީ ބޮޑު ދެބާރެއްގެ ކިބައި، އެހީތެރިކަން ހޯދައިގެން އެވެރިކަމާ މިވެރިކަމުންވެސް ހާސިލްކުރަން ބޭނުންވާ ފައިދާތަކާއި މަންފާތަކުގެ ތެރެއިން ފާހަގަވާން އޮތް އެއްކަމެއް އެބައޮތެވެ. އެއީ ސިޔާސީ ފަރާތްތަކުން ކިޔުއްވާ ފަރިއްސާއި، ބަންޖާއި ޅެމެވެ. ވިދާޅުވަމުން ގެންދަވަނީ ހަމަ އެއް ލަވައެކެވެ.

ޗައިނާގެ އެހީތެރިކަމާއެކު، އޭރުގެ ސަރުކާރުން ތަރައްގީއަށް ހިންގެވި މަޝްރޫއުތައް އޭރުގެ އިދިކޮޅު ފަރާތްތަކަށްވީ މުޅިންވެސް ލޯނާއި ދަރަންޏަށެވެ. އެމަޝްރޫޢުތަކުގައި އެކުލެވިގެންވީ ހުސް ކޮރަޕްޝަނާއި ފަސާދައެވެ. އެމަސައްކަތުގައި އެއްވެސް އިޚްލާސްތެރިކަމެއް ނެތެވެ.

މިއަދު މިސަރުކާރުން، އިންޑިއާގެ އެހީތެރިކަމުގައި ކުރިޔަށް ގެންދާ ތަރައްގީގެ މަޝްރޫޢުތަކަކަކީ، މިހާރުގެ އިދިކޮޅު ފަރާތްތަކުން ދެކޭގޮތުގައި އިންޑިއާގެ އަޅުވެތިކަމެވެ. މިސަރުކާރުގެ މަގުސަދަކީ ދަރީންގެ ދަރިންނަށް ދާންދެން ގައުމު ދަރުވާލުމެވެ.

މި ސަރުކާރުން އިންޑިއާގެ އެހީތެރިކަމާއެކުކުރިޔަށް ގންދިއުމަށް ރާވާފައިވާ ބްރިޖްމަޝްރޫޢުގެ ކުރެހުމެއް

އުތުރު ތިލަފަޅުގައި ކޯންސްގާޑް ހާބަރއަކާއި، ޑޮކްޔާޑެއް ބިނާ ކުރުމުގެ މަސައްކަތް ފެށިގެންއައީ ރައީސް ޔާމިންގެ ވެރިކަމުގައެވެ. މަޝްވަރާ ކުރެއްވީ ހަމަ އިންޑިއާ ސަރުކާރާއެވެ. ހަމަ އެމަޝްވަރާރަކުގެ މައްޗަށް އެ މަޝްރޫއުތައް ތަންފީޒު ކުރަމުންދަނީ މިސަރުކާރުންނެވެ. އޭރު އެމަޝްރޫއަކީ، ގައުމީ ސަލާމަތާ އެއްވެސް ގުޅުމެއްނެތް، ސާފު، ތަރައްގީގެ މަޝްރޫޢަކަށް ވީ ފަރާތްތަކަށް މިއަދު މިމަޝްރޫއު ބިރުވެރި، އެހާމެ ނުރައްކާތެރި މަޝްރޫއަކަށް ވެގެން ހިގައްޖެއެވެ.

އާދޭހެވެ. މިސަރުކާރުގެ އެންމެ ބޮޑު މިތުރަކީ، އިންޑިއާއެވެ. އެސަރުކާރުގެ އެންމެ ބޮޑު މިތުރަކީ ޗައިނާއެވެ. އިންޑިއާއި މިސަރުކާރާ ގުޅުން ގާތްވީ ވަރަކަށް، ޗައިނާއާއި ގުޅުން ދުރުވެއްޖެއެވެ. އެސަރުކާރާ ޗައިނާއާއި ގުޅުން ބަދަހި ވީވަރަކުން، އިންޑިއާއާއި އެސަރުކާރާ އޮތް ގުޅުން އޮތީގުރުބާން ވެފައެވެ.

ސާފު ދުރުމިއަކުން ބަލާލީމާ ސާފު މަންޒަރު ފެންނާން އެބައޮތެވެ. ކޮންމެ ވެރިކަމެއްގައިވެސް، މިދެގައުމުންކުރެ އެއްގައުމު ވެގެން މިދިޔައީ ވެރިކަމުގެ ކައްފާރާއަކަށެވެ. އަދި އިންޑިއާއާއި ޗައިނާ ހަގީގަތުގައި ވެގެން ގޮސްފައި މިވަނީ، މިރާއްޖޭގެ ސިޔާސީ ފަރާތްތަކުން ކިޔަމުންދާ އެއްލަވައެއް ދެކަޑިއަށެވެ.

ދެން ބަލަން އޮތް މަންޒަރަކީ، ދެން އަންނަން އޮތް ސަރުކާރެއްގެ ކައްފާރާއަކަށް ވެގެންދާނީ ކޮން ގައުމެއްތޯއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައްމަޑޭ
އެއްކޮޅަށް ގޮސް ބަރުވެ ހުސްވެފަ އޮތް ލިޔުމެއް. ނޮން އެލައިން ފޮރިން ޕޮލިސީ އެންމެ ފުރަތަމަ ބަދަލުކުރީ ރައީސް ނާޝީދު.