ކޯވިޑް-19 ގައި ރާއްޖެއިން މިހާރު ބަލި ފެތުރޭ ނިސްބަތް އިތުރުވަމުންދާއިރު، ޒުވާން އުމުރުގެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭންޖެހޭ ނިސްބަތް ދަނީ އިތުރުވަމުން ކަމުގައި ޑރ.މޫސާ މުރާދު ވިދާޅުވެއްޖެއެވެ.
ކޯވިޑާއި ގުޅޭ ފަރުވާދޭ ތަންތަނުގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ ޑރ.މުރާދު ވިދާޅުވީ ދުވަހެއް ދުވަހަށް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ ފަރުވާދޭންޖެހޭ މީހުންގެ ނިސްބަތް އިތުރުވަމުންދާކަމީ މިހާރު އޮތް އެންމެ ބޮޑު ކަންބޮޑު ވުންކަމަށެވެ. އަދި މިހާރު ބަލީގައި ޒުވާން އުމުރުގައި ފަރުވާދޭންޖެހޭ މީހުންގެ އަދަދުވެސް އިތުރުވާކަމީ ކަންބޮޑުވާކަމެއްކަމަށެވެ.
ރާއްޖެއިން ބަލީގައި މިހާތަނަށް އެންމެ ގިނައިން ޒުވާން އުމުރު ނޫނީ މެދު އުމުރުގެ މީހުންނަށް ފަރުވާ ދޭންޖެހުނީ މިފަހަރު ކޯވިޑްގެ ހާލަތު ގޯސްވި ހިސާބުންކަމަށް ޑރ.މުރާދު ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ މިހާލަތު އިތުރަށް ދިގުދެމި ބަލީގައި ފަރުވާދޭންޖެހޭ ނިސްބަތް އިތުވާނަމަ މިއީ ޞިއްޚީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށެވެ. މިހާރުވެސް މިބައްޔާއި ދެކޮޅަށް ފަރުވާދިނުމުގައި ކުރަމުންދާ މަސައްކަތުގައި ޞިއްޚީ ބޭފުޅުން ވަރުބަލި ވެފައިވާއިރު، މިއީ ރައްޔިތުން ފުންކޮށް ވިސްނާލަންޖެހޭ ކަމެއްކަމަށް ޑރ ވިދާޅުވިއެވެ.
މިބަލީގައި މެދު އުމުރުގެ ބޭފުޅުންނާއި، ޒުވާން އުމުގެ ބޭފުޅުން އެހާ ސީރިއަސްކޮށް ނުނެގި ކަމުގައި ވީނަމަވެސް މިބައްޔަކީ ކޮންމެ އުމުރަކަށްވެސް ވަރަށް ނުރައްކާތެރި ބައްޔެއްކަމަށް މުރާދު ވިދާޅުވިއެވެ. އަދި މިހާރު ބަލީގައި ފަރުވާދޭންޖެހޭ މީހުންގެ ތެރޭގައި ޒުވާނުން ގިނަކަމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.
ޑރ.މުރާދު ވަނީ ހުރިހާ ރައްޔިތުންވެސް އަދި ހުރިހާ އުމުރު ފުރާއެއްގެ ބޭފުޅުންވެސް ފަރުވާ ކުޑަނުކޮށް ބައްޔާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް އިހުތިރާމު ކުރުމަށް ގޮވާލާފައެވެ. ފިޔަވަޅުތަކަށް އަމަލު ނުކުރެވި ބަލި ޖެހޭ މިންވަރު އިތުވާނަމަ އެކަމުގެ ބުރަ އުފުލަންޖެހެނީ ޞިއްޚީ ހިދުމަތްތެރިންނަށް ކަމުގައި ޑރ.މުރާދު ވިދާޅުވިއެވެ.
ރާއްޖޭގައި މިއަދުގެ ނިޔަލަށް ވަނީ 18،930 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި މިވަގުތު ބައްޔަށް 2،512 މީހުން ފަރުވާ ހޯދަމުންދާއިރު، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން މީހަކަށް ދަނީ 162 ފަރުވާދެމުންނެވެ.
ކޮމެންޓު ފޮނުވާ