ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވަމުންދާ އެއްވުންތަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފައި ވަނިކޮށް އަންނަ ހުކުރު ދުވަހުވެސް މުޒާހަރާ ކުރާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
މިސަރުކާރުން ދިވެހި ރައްޔިތުންގެ އެތައް ހައްގަކަށް އަރައިގަނެ އަދި އިދިކޮޅުގައި ހިމެނޭ ހަމަ އެކަނި ސިޔާސީ ލީޑަރު ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް އިދިކޮޅުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހުކުރު ދުވަހު ބޭއްވުމަށް ނިންމާފައިވަނީ "އިންސާފު ކޮބާ؟" ގެ ނަމުގައާއި "މަގޭ ފްލެޓް ކޮބާ؟" މުޒާހަރާއެކެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ކޯލިޝަންގެ ހަރަކާތްތައް އިންތިޒާމުކުރާ ކޮމެޓީގެ ޗެއާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ފުލުހުންގެ އިންޒާރަށް ބަލައި ފަހަތަށް ނުޖެހޭނެ ކަމަށާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށްވާއިރު އެ މަސައްކަތަށް އެއްވެސް މުއައްސަސާއަކުން ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ.
މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ ޕީޕީއެމް އޮފީސް ދޮރުމަތިން ހުކުރު ދުވަހުގެ ހަވީރު 16:00 ގައެވެ.
ކޮމެންޓު ފޮނުވާ