ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިޔާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ސުބްރަމާނިއަމް ޖަޔަޝަންކަރްގެ އަރިހަށް ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕް ގްރޫޕުގެ ބޭފުޅުން މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
މާލޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުގައި މިއަދު މެންދުރު އޮތް މި ބައްދަލުވުމުގައި ޕީ.ޕީ.އެމް.-ޕީ.އެން.ސީ. ގެ ވަފުދުގައި އިސްކޮށް ހުންނެވީ ކޯލިޝަން ހިންގަން ވަގުތީގޮތުން ޙަވާލުވެވަޑައިގެން ހުންނެވި ޕީ.އެން.ސީ. ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އެމަނިކުފާނުގެ އަރިހުގައި ލީޑަރޝިޕް ގްރޫޕްގެ މެންބަރުން ކަމުގައިވާ ޕީ.އެން.ސީ ގެ ނާއިބު ރައީސުން މުޙައްމަދު ޙުސައިން ޝަރީފް، މުޙައްމަދު ސަޢީދު އަދި އާދަމް ޝަރީފް ޢުމަރު، ޕީ.ޕީ.އެމް ގެ ނާއިބު ރައީސުން މުޙައްމަދު ޣައްސާން މައުމޫން އަދި އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގަތެވެ. އަދި، ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، އެޑްވައިޒަރ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އަދި ޕީ.އެން.ސީ ގެ ސެކްރެޓަރީ ޖެނެރަލް ޤީލާ ޢަލީ ވެސް ހިމެނިވަޑައިގަތެވެ.
Met with a delegation of PPM & PNC leaders in Maldives. Underlined that India is a long-standing and reliable partner of Maldives in development & democracy. pic.twitter.com/z1dIS0PW4l
— Dr. S. Jaishankar (@DrSJaishankar) February 21, 2021
މި ބައްދަލުވުމުގައި، ދިވެހި ސަރުކާރުގެ އަތްދަށުން ވޭތުވެދިޔަ 15 މަސްދުވަހު އަނިޔާ ލިބެމުންދާ ވާދަވެރި ކޯލިޝަންގެ ލީޑަރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަސާސީ އެތަކެއް ޙައްޤެއް ނިގުޅައިގަނެވި، އެމަނިކުފާނު ނުޙައްޤުން ޖަލަށް ލައިގެން މި ސަރުކާރުން ކަންކުރަމުންދާ ގޮތުގެ މަޢްލޫމާތު އިންޑިޔާގެ ޚާރިޖީ ވަޒީރަށް އެރުވުނެވެ. އޭގެ އިތުރުން، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަވެރި ސިޔާސީ ޕާޓީއަށް ހަމަހަމަ ފުރުޞަތު ތަނަވަސްކޮށްދީފައި ނުވާކަމާއި، ޕީ.ޕީ.އެމް. އިން ކެމްޕޭން ކުރުމަށް ސަރުކާރުން އެކިގޮތްގޮތުން އަޅަމުންދާ ހުރަސްތަކަށްވެސް ވަފުދުގެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.
ރާއްޖޭގައި ޤާއިމުކުރެވުނު ޑެމޮކްރެޓިކް ނިޒާމު، މި ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން އަންނަނީ ދުވަހެއް ދުވަހަކަށް ބަލިކަށިވަމުންކަން ފާހަގަކޮށް، ރާއްޖޭގައި ދާޚިލީ ހަމަޖެހުން އޮތުމަކީ އިންޑިޔާއަށް މުހިންމުވާނެކަމެއްކަން ޔަޤީންވާކަމުގައިވެސް ވަފުދުގެ ބޭފުޅުން ވިދާޅުވިއެވެ. އެގޮތުން، މި ސަރުކާރުގެ ހަރުކަށި އަމަލުތަކާމެދު ގާތުން ފާރަވެރިވުމަށާއި، ޑެމޮކްރަސީގެ މަގަށް އަވަހަށް އަލުން ރުޖޫއަވުމަށް ސަރުކާރަށް ނަސޭހަތްތެރިވުމަށް އިންޑިޔާއިން ބާރުއެޅުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލެވުނެވެ.
އިންޑިޔާއަކީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ސަމާލުކަންދޭނެޒިންމާދާރު އަވަށްޓެރިއެއް ކަމަށާއި، އެގޮތުން ރާއްޖޭގެ ވާދަވެރި ސިޔާސީ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް އަބަދުވެސް އިސްކަންދެއްވާނެކަމަށް އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ޑރ. ޖަޔަޝަންކަރ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ