ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އާއި ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ) މިއަދު ކައިވެނި ބައްލަވައިގެންފި އެވެ.
ޝިދާތާ މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރަކަށް ހުންނަވާ އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ސިޔާސީ ކަންކަމުން ވަރަށް ބޮޑަށް އެކަހެރިވެވަޑައިގެންނެވި އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޝިދާތާ އާއި ޒިޔާ ވަނީ އެންގޭޖުވެފަ އެވެ. އެ ދެ މީހުން ކައިވެނި ކުރަން ހަމަޖެހިފައި އޮތީ މިއަދު ކަމަށް އިއުލާނުވެސް ކުރި އެވެ.
މިއަދު ޝިދާތާ އާއި ޒިޔާ ކައިވެނި ބައްލަވައިގަތީ ފެމިލީ ކޯޓުގަ އެވެ. އެ ދެ މީހުން ކައިވެނި ބައްލަވައި މިގަތީ ރައްޓެހިވެގެން އުޅޭތާ ހަތަރު ވަރަކަށް މަސް ފަހުންނެވެ. އެންގޭޖުވި ދުވަހު ޝިދާތާ ބުނެފައި ވަނީ އޭނާގެ ހިތް ވަނީ އުފަލުން ފުރިފައި ކަމަށާއި، ހަޔާތުގެ އާ ދަތުރެއް ފެށުނީ ކަމަށެވެ. ޝިތާދާ އާއި ޒިޔާވެސް މީގެ ކުރިން ކައިވެންޏެއް ކޮށްފައިވެ އެވެ. ޝިދާތާ މީގެ ކުރިން އެއް ކައިވެނިކޮށްފައިވާއިރު، ޒިޔާ ދެ ކައިވެނި ކޮށްފައިވެ އެވެ.
ޝިދާތާ ކުރި ކައިވެނިން އޭނާއަށް ތިން ދަރިން ލިބިފައި އެބަ ތިއްބެވެ. ޒިޔާގެ ކުރީގެ ކައިވެންޏަކުން އޭނާއަށްވެސް ދަރިއަކު ލިބިފައިވެ އެވެ. ޒިޔާއަކީ މީގެ ކުރިން އެކި ފިލްމުތަކުގައި ސީރިއަސް ރޯލުތައް ކުޅުމުގެ އިތުރުން ވީޑިއޯ ލަވަތައްވެސް ކުޅެފައިވާ ފަންނާނެކެވެ.
ކޮމެންޓު ފޮނުވާ