އައްޑޫ ސިޓީގެ އުމްރާނީ ތަރައްޤީއަށް އިންޑިޔާއިން 800 މިލިޔަން ޑޮލަރު

އައްޑޫ ސިޓީގެ އުމްރާނީ ތަރައްޤީއަށް އިންޑިޔާއިން 800 މިލިޔަން ޑޮލަރު

Author
މުޙައްމަދު ޝަޒައިމް
21 ފެބްރުއަރީ 2021 10:48
0

އައްޑޫ ސިޓީގެ އުމްރާނީ ތަރައްޤީއަށް އިންޑިޔާއިން 800 މިލިޔަންޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ ދެވަނައަށް އެންމެ ބޮޑު މަޝްރޫޢެވެ.

މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ އައްޑޫގެ ތަރައްޤީއަށް ބޭނުންވާ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން މަގުތައް ހެދުމާއެކު އައްޑޫއަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ފެންހިންދާ ނިޒާމެއް ޤާއިމްކުރުމެވެ. މިކަމުގެ ޢަމަލީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ ލިމިޓެޑް އަދި ލިއާ އެސޯސިއޭޓްސް ސައުތު އޭޝިޔާ ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރއާއެކުއެވެ. މިކަމުގެ އެއްބަސްވުމުގައި ކުންފުނިތަކާއެކު ސޮއިކޮށްފައިވަނީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ.

މިމަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައިގެން ހަދާނެއެވެ. މީގެއިތުރުން، ތާރުއެޅުމަށް ކަނޑައަޅާފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީ.އެސް.ބީ) ލޭޔަރ އެޅުމަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫގައި ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ޤާއިމުކުރުން ހިމެނެއެވެ. ފޭދޫގައި ސަރުކާރު ބަޖެޓުން ފެންހިންދާ ނިޒާމު ޤާއިމްކުރުމަށްފަހު ކޮމިޝަން ކުރުމުގެ މަސައްކަތް މިހާރުދަނީ ހިނގަމުންނެވެ.

މި މަޝްރޫޢުގެ ތެރޭގައި އައްޑޫގެ 5ރަށަކުން ބިން ހިއްކުމުގެ މަސައްކަތްވެސް ހިމެނެއެވެ. ބިން ހިއްކުމުގެ ތަފްސީލަށް ބަލާއިރު ހިތަދޫގައި 90 ހެކްޓަރު، މަރަދޫ-މަރަދޫފޭދޫ ގައި 75 ހެކްޓަރު، ހުޅުދޫ އާއި މީދޫގައި ޖުމްލަ 38 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ޕްލޭންކޮށްފައެވެ. މީގެތެރޭގައި ޓޫރިޒަމަށް އައްޑޫ ސިޓީ ހުޅުވާލުމަށް ބޭނުންވާ ބިންހިއްކުމުގެ ޕްލޭންގެ ދަށުން އެކި ސަރަޙައްދުތަކުން 25 ހެކްޓަރުގެ ބިން މިކަމަށް ޚާއްސަކުރެވިގެން ހިއްކުމަށް ކަނޑައަޅާފައިވެއެވެ.

މި މަޝްރޫޢޫގެ ދަށުން ތަރައްޤީކުރާ މަގުތަކުގައި މަގުބައްތި ޖެހުމާއި، ސީސީޓީވީ ކެމެރާ ހަރުކުރުމާއި، ޓްރެފިކް ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައްވެސް ޤާއިމްކުރުން ހިމެނެއެވެ.

މީގެ އިތުރުން އައްޑޫސިޓީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނދުން ހަންކެނޑެއަށް ނާރާގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫ ގުޅާލުމަށްޓަކައި1.463 މީޓަރުގެ އައު4 ލެންގެ ޑީޓުއަރ ލިންކް ރޯޑެއް ޤާއިމްކުރުމަށްވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

މި އެއްބަސްވުމުގައި ޕްލޭނިން އެންޑް ހައުސިން މިނިސްޓޤރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ފާޠިމަތު ޝާނާ ފާރޫޤް އެވެ. އަދި އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑްގެ ފަރާރުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ރަވީ ޕްރަކާޝްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.