ކޯވިޑް-19: ދެމަފިރިންގެ މަރު ތަހުގީގު ކުރަނީ

ކޯވިޑް-19: ދެމަފިރިންގެ މަރު ތަހުގީގު ކުރަނީ

Author
މުޙައްމަދު ޝަޒައިމް
21 ފެބްރުއަރީ 2021 08:13
0

ކޯވިޑް-19ގެ ވެކްސިން ޖަހާފައި ވަނިކޮށް ނިޔާވި ޢުމުރުން 93 އަހަރުގެ މީހާގެ އަނބިމީހާ މިއަދު ނިޔާވެފައިވާތީ އޭނާއަކީވެސް ވެކްސިން ޖަހާފައިވާ މީހަކަށްވުމުން އެމައްސަލަ ތަޙްޤީގުކުރަން ފަށާފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑައިރެކްޓަރ އަޙްމަދު ނާސިރު ވިދާޅުވީ ގދ.ގައްދުއަށް ނިސްބަތްވާ މިދެމަފިރިންގެ ތެރެއިން ޢުމުރުން 81 އަހަރުގެ އަންހެންމީހާ ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައިކަމަށެވެ. އެހެންކަމުން މިދެކޭސް އެއްކޮށް ތަޙުޤީގުކުރަމުންދާކަމަށާއި، އެދެމީހުންނަށްވެސް ވެކްސިން ދީފައިވަނީ މިމަހުގެ 17ވަނަ ދުވަހުކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

އަންހެން މިހާ ވެސް ތަފާތު އެކި ބަލިތަކުގައި ނުތެދުވެވި އޮންނަތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. ވެކްސިން ޕްރޮގްރާމްގައި އެންމެ އިސްކަންދީގެން ވެކްސިން ޖަހާ ކެޓަގަރީގައި ހިމެނޭ މި ދެމަފިރިންނަށް ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ދިނީ މިދިޔަ ބުދަ ދުވަހެވެ. ވެކްސިނަށް ފަހު، ހުން އައުން ފަދަ ވެކްސިންގެ ސައިޑް އިފެކްޓްސް ދެ މީހުންނަށް ވެސް ކުރިމަތިވި ކަމަށް ވެ އެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ މުސްޠަފާ ވިދާޅުވީ ވެކްސިން ޖެހުމަށްފަހު ކަމެއް ދިމާވެއްޖެނަމަ އެކަން ބެލުމަށް ޚާއްސަ ކޮމިޓީއެއް އޮންނަކަމަށާ، އެކޮމިޓީން އެކަންކަން ބަލަމުންދާނީ ޙާދިސާ ދިމާވާ މީހާއަށް ފަރުވާދިން ޑޮކްޓަރާއި، އެމްއެންޔޫގެ ބޭފުޅުން އަދި އިތުރު ސްޕެޝަލިސްޓުންގެ އެހީތެރިކަން ބޭނުންވާނަމަ އެކަންވެސް ކޮށްގެންކަމަށެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދެމުން އަންނަނީ ޑަބްލިއުއެޗްއޯގެ ވެސް ހުއްދަ ލިބިފައިވާ އޮކްސްފޯޑުގެ ކޮވިޝީލްޑް ވެކްސިނެވެ. އެކި އުމުރުފުރައިގެ 70،000 އަށް ވުރެން ގިނަ މީހުންނަށް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް މި ވެކްސިން ރާއްޖޭގައި ވަނީ ދީފަ އެވެ.

ނަމަވެސް ގިނަ ޢަދަދެއްގެ ބަޔަކަށް ވެކްސިން ޖަހަމުންދާއިރު، އިއްތިފާޤަކުން ނުވަތަ ވެކްސިނާއި ގުޅުން ނެތިވެސް ހާދިސާއެއް ހިނގައިފާނެކަމަށާ، ޚާއްސަކޮށް މީހަކު މަރުވެއްޖެނަމަ އެކަން ފުރިހަމައަށް ބަލައި ތަޙްޤީގުކުރާނެކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.