ހަސަންމަނިކަކީ އެތައްބައެއްގެ ލޯބި ހޯދި ހިތްހެޔޮ ބޭފުޅެއް: ރައީސް

ހަސަންމަނިކަކީ އެތައްބައެއްގެ ލޯބި ހޯދި ހިތްހެޔޮ ބޭފުޅެއް: ރައީސް

Author
މުޙައްމަދު ޝަޒައިމް
20 ފެބްރުއަރީ 2021 06:38
0

ކޯވިޑް-19 އަށް ފަރުވާދެމުންދަނިކޮށް ނިޔާވި ފިލްމީ ތަރި ކޮއްޔެ ހަސަން މަނިކަކީ އެތައް ބައެއްގެ ލޯތްބާއި އިޚުތިރާމު ހޯދާފައިވާ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ހަސަން މަނިކު އަވަހާރަ ވުމާއި ގުޅިގެން އާއިލާއަށް ތަޢުޒިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މަރުހޫމް ހަސަން މަނިކަކީ މީގެ ތިން ހަފްތާކުރިންވެސް ހަސަން މަނިކާއި ބައްދަލުކޮށް އެތައްވާހަތަކެއް ހިއްސާ ކުރައްވާފައިވާކަމަށެވެ.

ހަސަން މަނިކަކީ އެތައް ބައެއްގެ ލޯތްބާއި އިޚުތިރާމު ހޯދާފައިވާ ބޭފުޅަކަށްވާއިރު، އޭނާ ވަކިވެ ދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތާމައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މުޅި ސޯޝަލް މީޑިޔާގައި ހަސަންގެ ވަކިބެ ދިއުމާއި ގުޅޭގޮތުން ތަފާތު އެކި ޝުއޫރުތަކާއި، ތައުޒިޔާގެ ބަސްތަކުން ވަނީ ފުރިފައެވެ. ދައުލަތުގެ ވެރިންނާއި، ކުޅިވަރުގެ އާއިލާއާއި، ފިލްމީ ތަރިންނާއި، އާންމު ރައްޔިތުންގެ ތައުޒިޔާ ދަނީ ހަސަންގެ އާއިލާއަށް ކިޔަމުންނެވެ.

ހަސަން މަނިކު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދަނިކޮށެވެ. ކޮއްޔަ ޙަސަން މަނިކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އޭނާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދިނުމަށްފަހު، ޙާލުދެރަވުމާގުޅިގެންނެވެ.

ކޮއްޔަ ޙަސަން މަނިކަކީ ދިވެހި ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ މީހެކެވެ. އެގޮތުން އޭނާ ވަނީ 1980ގެ އަހަރުތަކުން ފެށިގެން އެ ދާއިރާގައި މަސައްކަތް ކުރަން ފަށާފައެވެ. ޓީވީ ޑްރާމާތަކާއި، ފިލްމްތަކުގައި އެކި ރޯލުތަކުން ފެނިފައިވާ ކޮއްޔަ ޙަސަން މަނިކަކީ އާއްމުންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ޝަހްސިއްޔަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.